ފެބްރިގާސް އާއި އޮންރީ އަލުން އެއް ޓީމަކަށް؟
ފެބްރިގާސް އާއި އޮންރީ އަލުން އެއް ޓީމަކަށް؟

ލަންޑަން (ޖެނުއަރީ 2) – ޗެލްސީގެ މިޑްފީލްޑަރު ސެސް ފެބްރިގާސް އެ ކްލަބް ދޫކޮށް، އޭނާއާ އެކު ކުރިން އާސެނަލަށް ކުޅުނު ތިއެރީ އޮންރީ މިހާރު ކޯޗުކޮށްދޭ ފްރާންސްގެ މޮނާކޯ އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީއާ އެކު ފެބްރިގާސް ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އެކަމަކު އާ ކޯޗު މައުރީޒިއޯ ސާރީގެ ޕްލޭނުގައި ފެބްރިގާސް ނުހިމެނޭތީ އޭނާ ކޮންޓްރެކްޓް އާނުކުރާނެ އެވެ. އަދި އިއްޔެ ފެށުނު ޓްރާންސްފާ ބާޒާރުގައި އޭނާ އެ ކްލަބް ދޫކޮށްލާނެކަން އޮތީ ވަރަށް ބޮޑަށް ޔަގީންކުރެވިފަ އެވެ.

އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރި އެ ކްލަބަކީ އިޓަލީގެ އޭސީ މިލާނެވެ. އެކަމަކު އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ވިއްކާލަން ޗެލްސީން ކިޔާ އަގާއި އަދި ފެބްރިގާސް ކިޔާ މުސާރަ އެ ކްލަބަށް ބޮޑީ ކަމަށްވެ އެވެ. ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދުގެ ތެރެއިން މިލާނަށް މިވަގުތު ބޮޑު ހަރަދެއްކުރެވެން ނެތެވެ.

އެއާ އެކު ފެބްރިގާސް ބަދަލުވުމުގެ ފުރުސަތު ބޮޑީ މޮނާކޯ އަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރެލިގޭޝަން ޒޯނުން އަރައިގަންނަން އާ ކޯޗު އޮންރީ ކުރާ މަސައްކަތުގައި ފެބްރިގާސް ވެގެންދާނީ މުހިއްމު ކުޅުންތެރިއަކަށެވެ. މޮނާކޯއާ އޮކްޓޯބަރު މަހު ހަވާލުވި އޮންރީގެ ކޯޗުކަމުގެ ދަށުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗުން ވަނީ ބަލިވެފަ އެވެ.

ފެބްރިގާސް އާއި އޮންރީ ވަނީ 2003 އިން 2007 އަށް އާސެނަލުގައި އެއްކޮށްފަ ކުޅެފަ އެވެ. ބާސެލޯނާގެ ޔޫތު ޓީމުގައި ހުއްޓާ އާސެނަލުން ފެބްރިގާސް ގެނައި އިރު އޮންރީ އަކީ އެ ކްލަބުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އެހެންވެ ފެބްރިގާސްގެ ކުރިއެރުމުގައި އޮންރީގެ ހިއްސާ އޮންނާނެ އެވެ.