ޗެލްސީ އަށް ރެކޯޑް އާމްދަނީ އެއް!
ޗެލްސީ އަށް ރެކޯޑް އާމްދަނީ އެއް!

ލަންޑަން (ޖެނުއަރީ 2) – ނިމިގެން ދިޔަ މާލީ އަހަރު ޗެލްސީ އަށް ކްލަބުގެ ރެކޯޑް އާމްދަނީއެއް ކަމަށްވާ 443.4 މިލިއަން ޕައުންޑް ލިބުނު ކަމަށް އެ ކްލަބުން ބުނެފި އެވެ.

މިއީ އޭގެ ކުރީ އަހަރާ ބަލާއިރު 22.7 އިންސައްތައިގެ ކުރިއެރުމެކެވެ. އެ އަހަރު އެ ކްލަބަށް ލިބުނީ 361.3 މިލިއަން ޕައުންޑެވެ. މިއީ ޗެލްސީގެ އާމްދަނީ 400 މިލިއަން ޕައުންޑަށް ވުރެ މަތިވި ފުރަތަމަ ފަހަރު ވެސް މެ އެވެ. ކްލަބުން އަހަރު ނިންމާލީ، ޓެކްސް އަށް ފަހު، 62 މިލިއަން ޕައުންޑުގެ ސާފު ފައިދާއަކާ އެކު އެވެ.

ޗެލްސީގެ އާމްދަނީ އާއި ފައިދާ ބޮޑުވި ސަބަބަކީ ކުޅުންތެރިން ވިއްކައިގެން އެކަށީގެންވާ ނަފާއެއް ލިބުމެވެ. އެގޮތުން ނެމަންޔާ މަޓިޗާއި ޑިއެގޯ ކޮސްޓާ ވިއްކާލައިގެން ލިބުނު އާމްދަނީއާ އެކު ޓްރާންސްފާ ބާޒާރުގައި އެކަނި ވެސް އެ ކްލަބުން 113 މިލިއަން ޕައުންޑުގެ ފައިދާއެއް ހޯދި އެވެ.

ކްލަބްތަކަށް އާމްދަނީ ލިބެނީ ޓިކެޓް ފައިސާ އިންނާއި ޖާޒީ އާއި ކްލަބާ ގުޅުން ހުރި އެފަދަ އުފެއްދުންތައް ވިއްކުމުގެ އިތުރުން ސްޕޮންސާޝިޕުންނެވެ. އެކަމަކު ބައެއް ކްލަބްތަކަކީ ކުޑަ އަގުގައި ޒުވާން ކުޅުންތެރިން ގަނެ، ފަހުން ބޮޑު އަގުގައި ވިއްކައިގެން ވެސް ބޮޑެތި ފައިދާ ހޯދާ ކްލަބްތަކެވެ.

އިންގްލެންޑުގެ އާދައިގެ ކްލަބެއްގެ ގޮތުގައި އޮތް ޗެލްސީ ޔޫރަޕުގެ ވަރުގަދަ ބާރަކަށް ބަދަލުވީ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަހަމޮވިޗް 2003 ވަނަ އަހަރު ބައްލަވައިގެންނެވި ހިސާބުންނެވެ. އެކަމަކު ފުރަތަމަ ނުވަ އަހަރު އެ ކްލަބަށް މާލީ ގޮތުން ފައިދާއެއް ނުވެ އެވެ. އަދި 2005 ވަނަ އަހަރުގެ ޖޫންގައި އެ ކްލަބަށް 140 މިލިއަން ޕައުންޑުގެ ގެއްލުމެއްވި އެވެ. އަބްރަހަމޮވިޗުގެ ދައުރުގައި ކްލަބަށް ފުރަތަމަ ފަހަރަށް ފައިދާވީ 2012 ވަނަ އަހަރުގެ ޖޫން މަހު ނިމުނު މާލީ އަހަރުގަ އެވެ. އެއީ 1.4 މިލިއަން ޕައުންޑުގެ ފައިދާއެކެވެ. ޖެހިގެން އައި އަހަރު އަނެއްކާ ވެސް ގެއްލުމުގައި ނިންމާލި ނަމަވެސް 2014 ވަނަ އަހަރު ރެކޯޑް އަދަދަކުން، 18.4 މިލިއަން ޕައުންޑުގެ ފައިދާއެއްވި އެވެ.

ކުރިން، ލިބޭ އާމްދަނީއަށް ނުބަލައި ބޮޑު އަގުގައި ކުޅުންތެރިން ގަތް ނަމަވެސް ފަހަކަށް އައިސް އެ ސަގާފަތް ވަނީ ބަދަލުވެފަ އެވެ. ހާއްސަކޮށް ހޯސޭ މޮރީނިއޯ ދެ ވަނަ ފަހަރަށް ޗެލްސީއާ ހަވާލުވި ސީޒަނުން ފެށިގެން އެ ކްލަބުން ކުޅުންތެރިން ގަންނަނީ ކުޅުންތެރިން ވިއްކައިގެން ލިބޭ އާމްދަނީންނެވެ. މަހުޖަނުން ހަވާލުވެ، ކްލަބުގެ އާމްދަނީއާ ނުބައްދަލު ހަރަދުކޮށް، ފުޓްބޯޅައިގެ ވާދަވެރިކަން ގެއްލެމުން އަންނައިރު، އެފަދަ ކަންކަން ހުއްޓުވަން ޔުއެފާ އިން ވަނީ ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދެއް ހަދައި އަމަލުކުރަމުންނެވެ.