02 ޖެނުއަރީ 2019 - 09:54

ބާސެލޯނާ (ޖެނުއަރީ 2) – އަންނަ ސީޒަނުގައި ބާސެލޯނާގައި ހުންނާނެކަމެއް ނޭގޭ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.
އުމުރުން 54 އަހަރުގެ ކޯޗު ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި، މިދިޔަ އަހަރު ބާސެލޯނާ އަށް ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކޮށްދީފަ އެވެ. މި ސީޒަނުގައި ވެސް އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ. އެކަމަކު އޭނާ އެ ޓީމު ލައްވާ ކުޅުވާ ސްޓައިލާއި އަދި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ހައިރާންކުރުވަނިވި ގޮތަކަށް ކެޓުމާ ގުޅިގެން ބައެއް ސަޕޯޓަރުން ނުރުހެ އެވެ.
ވަލްވޭޑޭ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހަށް ހަމަވާނެ އެވެ. ބާސެލޯނާ އިން ބޭނުންނަމަ އިތުރު އެއް އަހަރު ވަލްވޭޑޭ އެ ޓީމުގެ ކޯޗަކަށް ބެހެއްޓުމުގެ އިހުތިޔާރު އެ ކްލަބަށް އެބައޮތެވެ. އެކަމަކު އެ ޓީމުން އެ ފުރުސަތުގެ ބޭނުން ހިފާނީ ވަލްވޭޑޭ އެ ގޮތަށް ރުހޭނަމަ އެވެ. އެހެންވެ ވަލްވާޑޭ އަށް ގޮތެއް ނިންމަން ވަނީ ފުރުސަތު ދީފަ އެވެ.
"އަންނަ ސީޒަން؟ އަހަންނަށް ކުރިމަގެއް ނޭގޭ ނުވަތަ އަންނަ ސީޒަނުގެ މިހިސާބުގައި އަހަރެން ކުރަނީ ކީއް ކަމެއް ނޭގޭ. ފުޓްބޯޅައިގައި ނޭގޭނެ ވާނެ ގޮތެއް. ކަންކަން ބަދަލުވަމުންދާނެ. ދިގު މުއްދަތުގައި ވާނެ ގޮތަކާ މެދު ވިސްނާނެ ފުރުސަތެއް ނުދެވޭނެ،" ވަލްވާޑޭ ބުންޏެވެ.
އޭނާ ބުނީ ޓީމު މޮޅުވަމުން އަންނަ ނަމަ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށާއި ބަލިވާ ނަމަ އެންމެން މާޔޫސްވެ ދައްކާނީ ކޯޗުގެ ވާހަކަ ކަމަށެވެ.
"އަހަރެން ބޭނުންވަނީ އަހަރެންގެ މަސައްކަތަކާއި މުވައްޒަފުންނާއި ކުޅުންތެރިންގެ މަސައްކަތާ މެދު އެންމެން ހިތްހަމަޖެހިފައި ތިބެން. އެކަމަކު ފުޓްބޯޅައިގައި ޔަގީންކަމެއް ނޯންނާނެ. އަމިއްލަ ލީގާއި ޔޫރަޕުގައި، ޓާގެޓްތަކަށް ވާސިލްނުވެވޭ ނަމަ އެންމެންގެ ނަޒަރު ހުއްޓޭނީ ކޯޗަށް. އެއީ ކަން އޮތް ގޮތަކީ،" ވަލްވާޑޭ ބުންޏެވެ.
އޭނާ ދެއްކި ވާހަކަތަކުން ލަފާކުރެވެނީ ހިތްހަމަނުޖެހުންތަކެއް އުޅޭކަމެވެ. ނުވަތަ އޭނާ ކްލަބް ދޫކޮށްލަން ބޭނުންވަނީ ސީޒަން ނިމޭއިރު އެކަށީގެންވާ ކާމިޔާބެއް ހޯދައިދެވިފައިނުވާ ނަމަ އެވެ.
ބާސެލޯނާ އިން މިހާރު އަންގާފައިވަނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ބާސެލޯނާގައި މަޑުކުރުމާ މެދު ވަލްވޭޑޭގެ ނިންމުމެއް އެ ކްލަބަށް އެންގުމަށެވެ. އެގޮތަށް އެނގީ ވަގުތު އޮއްވައި އެ ޓީމަށް އާ ކޯޗެއް ހޯދަން ބޭނުންވާތީ އެވެ. ވަލްވޭޑޭގެ ކުރިން ބާސެލޯނާގެ ކޯޗަކަށް ހުރި މިހާރު ސްޕެއިން ގައުމީ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވެސް އެ ޓީމު ދޫކޮށްލާކަން ވަނީ ދުރާލާ ކްލަބްގެ ވެރިންނަށް އަންގައިފަ އެވެ.