02 ޖެނުއަރީ 2019 - 09:52

ލަންޑަން (ޖެނުއަރީ 2) – އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވި ލަންޑަނުގެ ދެ ކްލަބް ކަމަށްވާ އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް އިން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ރަނގަޅު ފެށުމަކުން އާ އަހަރު ފަށައިފި އެވެ.
އާސެނަލް މޮޅުވީ އަމިއްލަ ދަނޑުގައި ފުލަމް އަތުން 4-1 އިންނެވެ. ޓޮޓެންހަމް މޮޅުވީ ރަށުން ބޭރުގައި ކާޑިފް ސިޓީ އަތުން 3-1 އިންނެވެ.
ޓޮޓެންހަމް މިވަނީ 48 ޕޮއިންޓް ހަމަކޮށް ދެ ވަނަ އަށް އަލުން އަރައިފަ އެވެ. އެއް ވަނައިގައި 54 ޕޮއިންޓާ އެކު އޮތް ލިވަޕޫލާ އެ ޓީމާ ދެމެދު އޮތީ ހަ ޕޮއިންޓަށް ފަރަގެކެވެ. އެކަމަކު ބުރާސްފަތި ދުވަހުގެރޭ މެންޗެސްޓާ ސިޓީ އަތުން ލިވަޕޫލް މޮޅުވެގެން ތަފާތު ބޮޑުކުރެވޭނެ އެވެ. އަނެއްކޮޅުން، ތިން ވަނައިގައި 47 ޕޮއިންޓާ އެކު ސިޓީ އެ މެޗުން މޮޅުވެއްޖެ ނަމަ ދެ ވަނަ އަށް އަރައި ޓޮޓެންހަމް ތިން ވަނަ އަށް ވެއްޓޭނެ އެވެ.
ކާޑިފާއި ޓޮޓެންހަމްގެ މެޗުގެ ތިން ވަނަ މިނެޓުގައި ކެޕްޓަން ހެރީ ކޭން ވަނީ ޓޮޓެންހަމަށް ކުރި ހޯދައިދީފަ އެވެ. ދެ ވަނަ ގޯލް 12 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސެން ޖެހިއިރު ތިން ވަނަ ގޯލް 26 ވަނަ މިނެޓުގައި ޖެހީ ސޮން ހެއުން މިން އެވެ.
އެންމެ ފަހުން ކުޅުނު މެޗުން ލިވަޕޫލް އަތުން 5-1 އިން ބަލިވި އާސެނަލް ރޭ ފުލަމް އަތުން ހޯދި މޮޅާ އެކު ފަސް ވަނައިގައި އޮތީ 41 ޕޮއިންޓާ އެކު އެވެ. އެ ޓީމާ، ހަތަރު ވަނައިގައި 43 ޕޮއިންޓާ އެކު އޮތް ޗެލްސީއާ މިވަގުތު ދެ ޕޮއިންޓުގެ ފަރަގެއް އޮތަސް ޗެލްސީން މިރޭ ސައުތުހެމްޓަން އަތުން މޮޅުވެއްޖެ ނަމަ ތަފާތު ބޮޑުކުރެވޭނެ އެވެ.
ރޭގެ މެޗުގައި ގްރަނިޓް ޒަކާ އާއި އަލެކްސެންޑާ ލަކަޒޭގެ ގޯލްތަކުން އާސެނަލް ލީޑުގައި އޮއްވާ ފުލަމްގެ އަބޫބަކުރު ކަމާރާ ތަފާތުކުޑަކުރި އެވެ. އެކަމަކު އާރޮން ރަމްސޭ އާއި ޕިއެރޭ އެމެރިކް އޯބަޔަމަންގެ ގޯލްތަކާ އެކު އާސެނަލުން ފަސޭހަކަމާ އެކު މޮޅުވި އެވެ.