ދެކުނު ކޮރެއާގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކޮށްފި
ދެކުނު ކޮރެއާގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކޮށްފި

ތިމާވެށި ހިމާޔަތްކުރުމަށް ޕްލާސްޓިކާ ދެކޮޅަށް ކުރާ ކެމްޕޭނުގެ ދަށުން ދެކުނު ކޮރެއާގައި ވެސް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.

އެ ގައުމުގައި ޕްލާސްޓިކް ކޮތަޅު އަންގާރަ ދުވަހުން ފެށިގެން މަނާކުރީ ޕްލާސްޓިކާ ދެކޮޅަށް ތަސްދީގުކޮށްފައިވާ ގާނޫނު ތަންފީޒުކުރަން ފެށުމާ އެކީގަ އެވެ.

އެގޮތުން ދެކުނު ކޮރެއާގެ 2،000 ސުޕަމާކެޓާއި އެ ނޫން ވެސް 11،000 ވިޔަފާރި އައުޓްލެޓްތަކުގައި ޕްލާސްޓިކް ކޮތަޅު ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށް ދިނުން ހުއްޓުމަކަށް ގެނެސްފައިވާ އިރު، ޕްލާސްޓިކްގެ ބަދަލުގައި ތަކުރާރުކޮށް ބޭނުން ކުރެވޭ ކަހަލަ ފޮތި ނޫނީ ކަރުދާސް ކޮތަޅު ކަސްޓަމަރުންނަށް ފޯރުކޮށްދޭން ޖެހޭނެ އެވެ.

ނަމަވެސް މަސް ކަހަލަ ބާވަތްތައް ވިިއްމުކުގައި ޕްލާސްޓިކް ކޮތަޅު ކޮންޓްރޯލް އުސޫލެއްގެ ދަށުން ބޭނުން ކުރެވޭނެ އެވެ.

ދެކުނު ކޮރެއާގެ ރަސްމީ އިދާރާތަކުން ބުނި ގޮތުގައި އަލަށް އަމަލު ކުރަން ފެށި ގާނޫނާ ހިލާފުވާ މީހުން މަދުވެގެން 3 މިލިއަން ވޮން (2،700 ޑޮލަރު) އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ޕްލާސްޓިކް ކޮތަޅު މަނާ ކުރުމުގެ އިތުރަށް ދެކުނު ކޮރެއާ އިން މިހާރު އަންނަނީ ޖޫސް ބޯން ބޭނުން ކުރާ ޕްލާސްޓިކް ހޮޅި ކަހަލަ އެއްޗެހި ވެސް މަނާ ކުރަން ތައްޔާރުވަމުން ކަމަށް އެ ގައުމުގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ނިއުޒިލެންޑް، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ފްރާންސް، ޗައިނާ، ނެދަލެންޑްސް އަދި ކެނިއާ ފާހަގަކޮށްލެވެ އެވެ.