އެކްޓަރު ޕްރަކާޝް ވެސް ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމައިފި
އެކްޓަރު ޕްރަކާޝް ވެސް ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމައިފި

އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޯކް ސަބާ އަށް މެމްބަރުން ހޮވަން މި އަހަރު ބާއްވާ އާންމު އިންތިހާބުގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރަކާޝް ރާޖް ވާދަކުރަން ނިންމައިފި އެވެ.

އުމުރުން މިހާރު 53 އަހަރުގެ އެކްޓަރު ކުރި ޓްވީޓެއްގައި އެކަން ކަށަވަރުކޮށް ދީފައިވާ އިރު، އޭނާ އިންތިހާބުގައި ވާދަކުރާނީ އެެއްވެސް ޕާޓީއަކާ ނުގުޅި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ޓްވީޓްގައި ޕްރަކާޝް ބުނީ އޭނާ ވާދަކުރާ ދާއިރާ ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީން މަޝްހޫރުކަން ހޯދި ޕްރަކާޝްއަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.

އޭނާ އާންމުކޮށް ކުޅެނީ ނުބައިބައި ރޯލްތަކެވެެ. ޕްރަކާޝް ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި "ގޯލްމާލް އެގެއިން،" "ސިންގަމް"، "ދަބަންގް" އަދި "ވޯންޓެޑް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ޕްރަކާޝް ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމި އިރު، އޭނާއަކީ އިންޑިއާގައި މިހާރު ވެރިކަންކުރާ ޕާޓީ ބީޖޭޕީއާ ވަރަށް ދެކޮޅު އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ ފަންނާނެކެވެ.

ދާދި ފަހުން ޕްރަކާޝް ބުނި ގޮތުގައި އޭނާ މޯދީ އަށް ފާޑުކިޔާތީ ބޮލީވުޑްގެ ފިލްމުތަކުން މިހާރު ފުރުސަތު ލިބުން ވަރަށް ބޮޑަށް މަދުވެފައިވެ އެވެ.

އިންޑިއާގެ އާންމު އިންތިހާބު ބާއްވާނީ އަންނަ އެޕްރީލް ނުވަތަ މެއި މަހުގެ ތެރޭގަ އެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންގެ ތެރެއިން ސައުތު ދެ ސުޕަސްޓާރުން ކަމަށްވާ ރަޖްނީކާންތާއި ކަމަލް ހަސަނަކީ މިހާރު ވެސް ސިޔާސީ ޕާޓީތައް އުފައްދައިގެން ސިޔާސީ މަސައްކަތްތައް ކުރަމުން އަންނަ ދެ ތަރިންނެވެ. އެ ތަރިންގެ ޕާޓީތަކިން ވެސް އިންތިހާބަށް ކެންޑިޑޭޓުން ނެރެން ވަނީ ނިންމައިފަ އެވެ.