01 ޖެނުއަރީ 2019 - 13:46

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހދ. ނައިވާދު އަށް މިއަދު ހެނދުނު ލައްގައިފި އެވެ.
ކައުންސިލްގެ ރައީސް އަހްމަދު ޒިޔާދު ވިދާޅުވީ 10:00 ހާއިރު، އެ ރަށުގެ އިރުމަތީފަރާތު، އަތިރިމަތިން ފެނުނީ އަންހެނެއްގެ ހަށިގަނޑު ކަމަށެވެ. ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތް ނަމަވެސް އަންހެނެއް ކަން އެނގެނީ ހެދުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން، ހދ. ކުޅުދުއްފުށީގައި ތިބި ފުލުހުން މިހާރު ނައިވާދު އަށް ފުރާފައިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"ގަބުރު މަތީގައި ރަބަރު އަޅާފައި، ފުލުހުން އަންނަންދެން ބާއްވާފައި އޮތީ،" ޒިޔާދު ވިދާޅުވި އެވެ.
އެއީ، ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
ނައިވާދޫ ކައުންސިލުން ބުނިގޮތުގައި މި ފަހުން، އެ އަތޮޅުގެ އެއްވެސް ރަށަކުން މީހަކު ގެއްލިގެން ހޯދާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.