01 ޖެނުއަރީ 2019 - 13:12

އިމާރާތް ކުރުން ދިގުލައިގެން ގޮސްފައިވާ ފުލުހުންގެ ފްލެޓްތައް ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމައި އާއިލާތަކަށް ވަދެވޭވަރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ބްލޫ ހައުސިން ސްކީމްގެ ނަމުގައި ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 300 ފްލެޓް އިމާރާތް ކުރަން ފެށީ 2014 ގަ އެވެ. ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް ބުނި އެ ފްލެޓްތައް ނުނިމި ހަތަރު އަހަރު ވުމަކީ ފުލުހުންގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.
ފްލެޓް ލިބޭނެ މީހުން، 2013 ގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި ބައެއް މީހުން އޭރު ޑައުންޕޭމަންޓް ވެސް ދެއްކި އެވެ. އޭގެ ފަހުން، ކޮންމެ މަހަކު ފައިސާ ދައްކައި ފްލެޓުގެ އަގަށްވާ ބޮޑު ބައި ގިނަ ފުލުހުން މިހާރު ވަނީ ދައްކައިފަ އެވެ.
ފްލެޓްތަކުގެ މަސައްކަތާ ގުޅޭ ގޮތުން ހަމީދު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ފަރުވާ ކުޑަކޮށް ކަމަށެވެ. ފްލެޓްތައް ނުނިމި ލަސްވީ އެހެންވެ ކަމަށާއި މިހާރު އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ފްލެޓްތަކަށް ވަދެވޭވަރު ކުރަން ކަމަށް ވިދާޅުވި އެވެ.
"އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި. އެކަމަކު ކޮންޓްރެކްޓާ ޔަގީންކަން އެބަދޭ އަށް މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް،" ހަމީދު ވިދާޅުވި އެވެ.
އެކަމަކު އޮތް ގޮންޖެހުމަކީ، ހަމީދު ވިދާޅުވި ގޮތުގައި، ފުލުހުންގެ ފްލެޓްތަކާ އިން ވެގެން ހުރި ސިފައިންގެ ފްލެޓްތައް އިމާރާތް ކުރަނީ ވެސް އެއް ކުންފުންޏަކުން ކަމަށް ވުމެވެ. އެހެންވިޔަސް އަށް މަސް ތެރޭ ފްލެޓްތަކަށް ވަދެވޭ ވަރުކުރެވޭތޯ ބަލަން އެ މަސައްކަތް ގާތުން ބައްލަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަން ކުރީގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ.
ވެރިކަމަށް ވަޑައިގަންނަވާތާ 12 މަސް ތެރޭގައި ފްލެޓްތައް ނިންމައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
"އުއްމީދަކީ، 12 މަސް ދުވަހަށް ވުރެން ކުރިން ފްލެޓްތަކަށް ފުލުހުންނަށް ވަދެވި އާއިލާތަކާ އެކު ހިތްހަމަޖެހިގެން އުޅެވުން،" ހަމީދު ވިދާޅުވި އެވެ.