21 އޯގަސްޓް 2016 - 10:28

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ބެޑްމިންޓަން އެސޯސިއޭޝަނުން ކަނޑައެޅި ޓާގެޓަކީ ރަން މެޑަލް ހޯދުމެވެ. އެކަން ހާސިލްނުވި ނަމަވެސް ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަންހެން ޓީމުން ލޯ މެޑެއްޔެއް ހޯދި އެވެ. އެކަމުން ފިލާވަޅު ހޯދައި ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެ އަށް ރަން މެޑެއްޔެއް ގެންނަން ދުރު ރާސްތާ ޕްލޭނަކާ އެކު މަސައްކަތް ފަށައިފަ އެވެ.

އެސޯސިއޭޝަނުން ވަނީ މި ޕްލޭނާ އެކު ކުރިއަށް ދިއުމަށް މިދިޔަ ޖޫން މަހު ކުޅުންތެރިންނާ ބައްދަލުކޮށް ކުޅުންތެރިންނަށް ހުރި ގޮންޖެހުންތައް އޮޅުންފިލުވައިފަ އެވެ. އަދި އެސޯސިއޭޝަންގެ ފަރާތުން ކުޅުންތެރިންނަށް ފޯރުކޮށްދޭން ޖެހޭ ކަންތައްތަކާ ކުޅުންތެރިން ބޭނުންވާ ކަންތައްތައްތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔެއް ލިބިއްޖެނަމަ 2020 ވަނަ އަހަރު އޮންނަ ޓޯކިޔޯ އޮލިމްޕިކްސް އިން ރާއްޖޭގެ ދެ ކުޅުންތެރިއަކަށް ޖާގަ ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެސޯސިއޭޝަނުން ދެކެ އެވެ.
މި ފަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން ތަމްރީންތައް ފަށަނީ 23 ފިރިހެން ކުޅުންތެރިންނާއި 11 އަންހެން ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. މީގެ ތެރޭގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ. މި ކުޅުންތެރިންނަށް ރަނގަޅު ފެންވަރެއްގެ ޓްރެއިނިން އެއް ދެވިއްޖެނަމަ ކުޅުންތެރިން މިހާރު ހުރި ފެންވަރަށް ވުރެން އެހެން ލެވެލަކަށް ގެންދަން ފަސޭހަވާނެ ކަމަށް އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ.
އެގޮތުން އެސޯސިއޭޝަނުން އެންމެ ބޮޑަށް އިސްކަންދޭނީ ތަމްރީންތަކުގައި ރަނގަޅު ކުޅުން ދައްކާ ކުޅުންތެރިންނަށް އޭޝިއާ އަދި ޔޫރަޕް ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިިދިނުމެވެ.
އެސޯސިއޭޝަނުގެ ވިސްނުމަކީ ކުޅުންތެރިން ރާއްޖޭން ބޭރުގެ ތަމްރީންތަކަށާއި މުބާރާތްތަކަށް ވީހާވެސް ގިނައިން ފޮނުވުމެވެ. އެގޮތުން މިހާރު ވެސް އޮލިމްޕިކް ކޮމިޓީ އާއި އެޑިއުކޭޝަން މިނިސްޓަރީގެ ސްކޮލާޝިޕް ބައެއް ކުޅުންތެރިންނަށް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ ހަ ކުޅުންތެރިއަކު ހިމެނެ އެވެ.
މުބާރާތްތަކަށް ކުޅުންތެރިން ފޮނުވުމުގައި އެސޯސިއޭޝަނުން ވިސްނަނީ ނަތީޖާ ނެރެވޭ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރުމަށާއި ކުޅުންތެރިންގެ ކުރިއެރުން ވަޒަންކޮށްލެވޭ ފަދަ މުބާރާތްތަކަށް ފޮނުވުން ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ގައުމީ ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ރަނގަޅު ވާދައެއް ކުރެވޭނެ ކުޅުންތެރިންކަމަށާއި ބޭނުންވަނީ އެ ލެވެލަށް މި ކުޅުންތެރިން ތައްޔާރުކުރުމަށް ކަމަށެވެ. އެގޮތުން މި މަހުގެ ނިޔަލަށް ޕްލޭންގައި ހިމެނޭ ހުރިހާ ކަންތައްތަކެއް ނިންމައި މުބާރާތްތަކަށް ތައްޔާރުވާން ވަނީ ނިންމައިފަ އެވެ.
ރަނގަޅު ފެންވަރުގެ ބިދޭސީ ކޯޗެއް ހަމަޖައްސައި ކުޅުންތެރިންގެ ފަރިތަކުރުންތައް ދުވަހުން ދުވަހަށް ކުރިއަށްދާ ގޮތް ދިވެހި ކޯޗަކާ އެކު މޮނިޓާކުރުމަށް ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.