އާމިރު ހާނާއި އަންހެނުން ކިރަން ރާއޯގެ ފިލްމު "ރޫބަރޫ ރޯޝްނީ" ސްޓާ ޕްލަސް އަށް
އާމިރު ހާނާއި އަންހެނުން ކިރަން ރާއޯގެ ފިލްމު "ރޫބަރޫ ރޯޝްނީ" ސްޓާ ޕްލަސް އަށް

ސްޓާ ޕްލަސް އިން މީގެ ކުރިން ވަނީ "ސަތިޔަމޭވް ޖަޔަތޭ" ގެ ނަމުގައި އާމިރު ހާން ހޯސްޓް ކުރި ވަރަށް މަގުބޫލު ޓީވީ ޝޯއެއް ގެނެސް ދީފަ އެވެ. އެ ޝޯވެގެން ދިޔައީ އިންޑިއާގެ އެކި ކަހަލަ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވި، އެތައް ބައެއްގެ ސަމާލު ކަމަށް އެ މައްސަލަތައް ގެނެވުނު ޝޯއަކަށެވެ.

އޭގެ ފަހުން މިހާރު އަނެއްކާ ވެސް އާމިރުގެ އުފެއްދުމެއް ސްޓާ ޕްލަސް އަށް އަންނަން ތައްޔާރު ވަނީ އެވެ. މި ފަހަރު ޝޯއެއް ނޫނެވެ. ޓީވީ ފިލްމެކެވެ. "ރޫބަރޫ ރޯޝްނީ" ގެ ނަން ދީފައިވާ ފީޗާ ބެލުންތެރިންނަށް ގެނެސް ދޭން ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

އޭގެ ޕްރޮމޯއެއްގެ ގޮތުގައި އާމިރުގެ ވީޑިއޯ ކްލިޕެއް ސްޓާ ޕްލަސް އިން މިހާރު އަންނަނީ ދައްކަމުންވެ.

އެއާ ބެހޭ ގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނީ "ރޫބަރޫ ރޯޝްނީ" އަކީ އަންހެނުން ކިރަން ރާއޯ ގުޅިގެން އުފައްދާފައިވާ ފިލްމެއް ކަމަށެވެ. އަދި މިއީ އެ މީހުންގެ ހިތާ ވެސް ވަރަށް ގާތް އުފެއްދުމެއް ކަމަށް ބުންޏެވެ.

"ރޫބަރޫ ރޯޝްނީ" އަކީ ކޮން ކަހަލަ ފިލްމެއް ކަމެއް އަދި ސާފެއް ނޫނެވެ. އެއާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަކަށް އަދި ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު އާމިރުގެ ފިލްމު ކުންފުނި އޭކޭޕީ އިން އާދައިގެ އުފެއްދުމެއް ގެނެސް ނުދޭނެކަމުގެ ޔަގީންކަން ބެލުންތެރިންނަށް އޮންނާނެ އެވެ.

އޭނާގެ ކުންފުނިން މިހާތަނަށް ވަނީ ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފަ އެވެ. އޭގެ ތެރޭގައި "ޑަންގަލް"، "ސީކްރެޓް ސްޕަސްޓާ"، "ދިއްލީ ބެލީ"، "ތާރޭ ޒަމީން ޕަރް" އަދި "ޕީޕްލީ ލައިވް" ފަދަ އުފެއްދުންތައް ހިމެނެ އެވެ.