02 ޖެނުއަރީ 2019 - 06:45

އާ އަހަރަކާ ކުރިމަތިލި އިރު މި އަހަރުގެ ތެރޭގައި ހާސިލުކުރަން ހިތުލައިފައިވާ ފަސް ލަނޑުދަނޑިއެއް ނިންމައި، އާމިރު ހާން އެކަން ފޭނުންނާ ހިއްސާކޮށްފި އެވެ.
އުމުރުން 53 އަހަރު އެކްޓަރު ކުރި ޓްވީޓެއްގައި ބުނި ގޮތުގައި އޭނާގެ އާ އަހަރުގެ ރިޒޮލިއުޝަންތަކަކީ ކުރީގެ ފިޓް ބައްޓަމަށް ހަށިގަނޑު ރުޖޫއަކުރުމާއި މިދިޔަ އަހަރު ހެދުނު ގޯސްތަކުން ފިލާވަޅު ހޯދައިގެން ކަންކަން ރަނގަޅު ކުރުމާއި އޭނާގެ އެންމެ މޮޅު ފިލްމު ހެދުމާއި އާ ކަންތައްތައް ދަސްކުރުމާ އެކު މަންމަ އާއި އަންހެނުން އަދި ހަގު ދަރިފުޅާ އެކު ގިނަ ވަގުތު ހޭދަކުރުމެވެ.
ޓްވީޓް ނިންމައިލަމުން އާމިރު ބުނީ މިދިޔަ އަހަރު ތެރޭގައި އޭނާގެ ފަރާތުން އެއްވެސް މީހެއްގެ ހިތުގައި ޖެހޭ ކަހަލަ ކަމެއް ކުރެވިފައިވާ ނަމަ އެކަން މައާފަށް ވެސް އެދޭ ކަމަށެވެ. އަދި އާ އަހަރުގެ ތަހުނިޔާ އެންމެންނަށް ވެސް ފޮނުވާ ކަމަށް ބުންޏެވެ.
މިދިޔަ އަހަރަކީ އާމިރަށް ވަރަށް ލަދުވެތި ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު އަހަރެކެވެ. އެގޮތުން ބޮޑު ބަޖެޓަކުން ހެދި އޭނާ އުންމީދީ ފިލްމު "ތަގްސް އޮފް ހިންދުންތާން" ބޮޑު ތަނުން ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހި، ކެރިއަރުގެ އެންމެ ނާކާމިޔާބު ފިލްމުގެ ބުރަ ކޮނޑަށް ލާން ޖެހުނެވެ.
އާމިރަކީ އޭނާ މިހާތަނަށް ކުޅުނު އެއްވެސް ފިލްމެއް ފްލޮޕްވި އެކްޓަރެއް ނޫނެވެ. އެހެންވެ ބޮލީވުޑްގައި އާމިރު ސިފަކޮށްފައި ވަނީ ވެސް ކާމިޔާބު އަދި މޮޅެތި ފިލްމުތައް ކުޅޭ "މިސްޓަ ޕާފެކްޝަނިސްޓް" އެއްގެ ގޮތުގަ އެވެ.
ކެރިއަރުގެ އެންމެ މޮޅު ފިލްމުގެ މަސައްކަތް މި އަހަރު ފެށުމުގެ އުންމީދުގައި ހުރި ކަމަށް އާމިރު ބުނެފައިވާ އިރު އެ ފިލްމަކީ އޭނާގެ ހުވަފެނީ ޕްރޮޖެކެޓް "މަހާބަރަތު" ކަމަށް ބެލެވެ އެވެ. އިންޑިއާގެ ތާރީހާއި ސަގާފަތުގެ ވަރަށް މުހިއްމު ސޮފުހާތަކެއް ކިޔައިދޭ "މަހާބަރަތު" އާމިރު ހަދަން ބޭނުން ވަނީ ހަތް ބައެއްގެ މައްޗަށް އެކުލެވޭ ބިޔަ ފިލްމެއްގެ ގޮތުގައި ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.