01 ޖެނުއަރީ 2019 - 07:37

ލަންޑަން (ޖެނުއަރީ 1) – މި ސީޒަނުގެ ނިޔަލަށް އާސެނަލާ އެކު ކޮންޓްރެކްޓް ހަދާފައިވާ ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސޭ އަށް ޔޫރަޕުގެ ބޮޑު ފަސް ކްލަބެއްގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި އޭނާ މި މަސް ތެރޭ މަޝްވަރާތައް ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އާސެނަލްގެ ކޮންޓްރެކްޓް ޖޫން މަހު ހަމަވުމުން އޭނާ އެ ކްލަބް ދޫކޮށްލާނެކަން މިހާރު ވަރަށް ޔަގީނެވެ. އާ ހަތަރު އަހަރުގެ ކޮންޓްރެކްޓަކާ މެދު މަޝްވަރާކުރެވުނު ނަމަވެސް ސެޕްޓެމްބަރު މަހު އެ ވާހަކަތައް ހުއްޓުނެވެ. އެއާ އެކު މިއަދު ފެށޭ ޓްރާންސްފާ ބާޒާރާ އެކު، އިނގިރޭސި ނޫން ކްލަބަކާ އެކު އޭނާ އަށް ޕްރީ އެއްބަސްވުމެއްގައި ސޮއިކުރެވިދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރަމްސީ، 28، އަށް ޝައުގުވެރިވަނީ ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާން އަދި ފްރާންސްގެ ޕީއެސްޖީ އެވެ. މީގެ ތެރެއިން ޔުވެންޓަސް އިން އޭނާ އަށް ބޮޑު މުސާރައެއް ލިބޭ ކޮންޓްރެކްޓެއް ވަރަށް ކުރިން ހުށަހަޅާފައިވާ ކަމަށްވެ އެވެ.
މި މަހު ވެސް އޭނާ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ހަ މަސް ކުރިން އޭނާ ވިއްކާލައިގެން ލިބޭނެ ކުޑަ ފީ އާއި ސަލާމަތްކުރެވޭނެ މުސާރަ އަށް ވުރެ އޭނާގެ މުހިއްމުކަން ޓީމަށް ބޮޑު ކަމަށް އާސެނަލުން ދެކޭ ކަމަށްވެ އެވެ.
ކާޑިފް ސިޓީން 2008 ވަނަ އަހަރު 4.8 މިލިއަން ޕައުންޑަށް އާސެނަލާ ގުޅުނު ރަމްސީ އަކީ މެދުތެރޭގެ ގިނަ މަގާމްތަކަށް ކުޅެވެ ކުޅުންތެރިއެކެވެ. އާސެނަލަށް ކުޅެދިން 352 މެޗުން 60 ގޯލް ޖަހާފައިވާ ރަމްސީ ވަނީ އެ ކްލަބާ އެކު އެފްއޭ ކަޕް ތިން ފަހަރު ހޯދައިފަ އެވެ.