މެޑްރިޑުގައި ދިމާވި މައްސަލައަކީ އަނިޔާ އާއި މޮރީނިއޯ: ކަކާ
މެޑްރިޑުގައި ދިމާވި މައްސަލައަކީ އަނިޔާ އާއި މޮރީނިއޯ: ކަކާ

ރިއޯ ޑި ޖެނީރޯ (ޖެނުއަރީ 1) – ރެއާލް މެޑްރިޑުގައި ހޭދަކުރި ދުވަސްވަރު ކުރިމަތިވި އެންމެ ބޮޑު މައްސަލަތަކަކީ ގާތްގާތުގައި އަނިޔާވުމާއި އޭރުގެ ކޯޗު ހޯސޭ މޮރީނިއޯއާ އުފެދުނު ހިޔާލުތަފާތުވުންތައް ކަމަށް ބްރެޒިލްގެ ކުރީގެ މިޑްފީލްޑަރު ކަކާ ބުނެފި އެވެ.

މިލާނާ އެކު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރުމަށް ފަހު ރެކޯޑް އަގެއްގައި ކަކާ މެޑްރިޑަށް ބަދަލުވީ 2009 ގަ އެވެ. އެކަމަކު އެ ޓީމުގައި ހޭދަކުރި ހަތަރު އަހަރުގައި ވެސް އޭނާ އަށް މާބޮޑު ތަފާތެއް ނުދެއްކުނެވެ.

"މެޑްރިޑުގައި އަހަރެންގެ މައިގަނޑު މައްސަލައަކަށްވީ އަނިޔާ. އަދި އަނިޔާ އަށް ފަހު އެނބުރި އައިއިރު މޮރީނިއޯ ހުރީ. ފުރަތަމަ ސީޒަނުގައި އުނަގަނޑުގައި މައްސަލަ ދިމާވި. ވޯލްޑް ކަޕަށް ފިޓްވާން މަސައްކަތްކުރިން އެކަމަކު އުކުޅުވަޅަށް އަނެއްކާ އަނިޔާވީ. އަދި އެ މުބާރާތަށް ފަހު ކަކުލަށް އަނިޔާވެ ހަ މަސް ދުވަސް ހޭދަކުރަން ޖެހުނު،" ކަކާ ބުންޏެވެ. "(އަނިޔާ އިން އެނބުރި އައިސް) އަހަރެން ތިން ސީޒަނުގައި ވެސް މޮރީނިއޯ އަހަންނަށް ފުރުސަތެއް ދޭނެ ގޮތެއް ވޭތޯ މަސައްކަތްކުރިން. އެކަމަކު އޭނާ އަހަރެން ލައްވާ ނުކުޅުވާ."

ކަކާ ބުނީ މެޑްރިޑުގައި މޮރީނިއޯއާ އެކު އުނދަގޫ ދުވަސްތައް ދިޔަ ނަމަވެސް އޭނާއާ ޒާތީ މައްސަލައެއް ނެތް ކަމަށެވެ. ފަހުން މެންޗެސްޓާގައި މޮރީނިއޯއާ އެއް ހޮޓަލެއްގައި ދެ ދުވަހު ހުންނަން ޖެހުނު ކަމަށާއި އެ ފަހަރު ވަރަށް ގިނަ ވަގުތު ވާހަކަދައްކަން ތިބި ކަމަށެވެ.

"މެޑްރިޑުގައި އަހަރެމެން ދެބަސްވާން ޖެހޭ. އެކަމަކު އެއީ އިހުތިރާމާ އެކު. ކުޅެން ފުރުސަތު ލިބޭ ލިސްޓުގައި އަހަންނަށް ވުރެ ކުރީގައި ހުރީ މެސުތު އޮޒިލް. ވަރަށް ގިނައިން އަހަރެން މޮރީނިއޯ އަށް ވިސްނައިދޭން އުޅުނިން އަހަންނަށް ވެސް ޓީމަށް އެހީވެވިދާނެކަން." ކަކާ ބުންޏެވެ.

ކަކާ ބުނީ އެހެން ވިޔަސް މޮރީނިއޯ އެ ޓީމަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދީ އަދި ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ގެންގޮސްދިން ކަމަށާއި އެހެންވެ އޭނާ އަކީ ކާމިޔާބު ކޯޗެއް ކަމަށެވެ. އަދި މޮރީނިއޯ އަށް ފަހު ކާލޯ އަންޗެލޮޓީ ހަވާލުވުމުން ޓީމުގައި މަޑުކުރަން ބޭނުންވި ކަމަށާއި އެކަމަކު ޓީމު ވަކި ފެންވަރަކަށް ގެންދަން ބޭނުންވާތީ، ދެ ފަރާތުން އެއްބަސްވެ ނިންމީ އެންމެ ރަނގަޅުވާނީ އޭނާ ކްލަބް ދޫކޮށްލުން ކަމަށެވެ. ކަކާ އެނބުރި މިލާނަށް ގޮސް އެއް ސީޒަން ކުޅުނެވެ.