01 ޖެނުއަރީ 2019 - 08:12

އައްމާން (ޖެނުއަރީ 1) - އަހަރުގެ މުސްލިމް ޝަޚުސިއްޔަތަކަށް މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ހޮވައިފި އެވެ.

މި މަގާމަށް އުމުރުފުޅުން 93 އަހަރުގެ މަހާތިރު ހޮވާފައި ވަނީ ޖޯޑަންގެ "މުސްލިމް 500" އިންނެވެ. މި ލިސްޓުގައި ދުނިޔޭގެ އެންމެ ނުފޫޒް ގަދަ 500 މުސްލިމުން ހިމަނައިފައިވެ އެވެ. ލިސްޓް ތައްޔާރުކޮށްފައި ވަނީ ވަކި ފަރާތަކަށް ނުޖެހޭ ރިސާޗް ގްރޫޕެއް ކަމަށްވާ ޖޯޑަންގެ ރޯޔަލް އިސްލާމިކް ސްޓަޑީޒް ސެންޓަރާއި ރޯޔަލް އޯލް އަލް ބައިތު އިންސްޓްޓިއުޓް ފޯ އިސްލާމިކް ތޯޓުގެ ފަރާތުންނެވެ.
"މުސްލިމް 500" ގެ 10 ވަނަ އަހަރީ އަދަދުގައި މަހާތިރާ ބެހޭ ގޮތުން ލިޔެފައި ވަނީ "މި އާދަޔާޚިލާފު ޝަޚުސިއްޔަތުގެ ސިޔާސީ ހަޔާތް 70 އަހަރަށް ދެމިގެން ދިޔަ އިރު 17 ފޮތެއް ލިޔުއްވާފައިވާ ކަމަށެވެ. މަހާތިރު ވަނީ މިދިޔަ އަަހަރުގެ މެއި މަހު މެލޭޝިއާގައި ބޭއްވި އާއްމު އިންތިޚާބުގައި ނަޖީބު ރައްޒާގުގެ މައްޗަށް ކުރި ހޯއްދަވައި ދެ ވަނަ ފަހަރަށް ބޮޑު ވަޒީރު ކަމަށް ވަޑައިގެންފަ އެވެ. މަހާތިރު ކުރިން ވަނީ މެލޭޝިއާގެ ބޮޑު ވަޒީރުކަން 22 އަހަރު ކުރައްވައިފަ އެވެ.
އަހަރުގެ އަންހެން ޝަޚުސިއްޔަތަކަށް ހޮވާފައި ވަނީ އިޒްރޭލުގެ ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުނު ފަލަސްތީނުގެ ހިތްވަރުގަދަ ޒުވާނާ އަހަދު ތަމީމީ އެވެ. އުމުރުން 17 އަހަރުގެ ތަމީމީ ޖަލަށްލީ އިޒްރޭލް ސިފައިންގެ މީހެއްގެ ގައިގައި ޖަހައިގެންނެވެ. އަށް މަސް ދުވަހު ޖަލުގައި ހޭދަކުރި ފަހުން މިނިވަން ކުރީ ޑިސެމްބަރު 2017 ގަ އެވެ.
މުސްލިމް 500" ގެ ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރޭގައި ޖޯޑަންގެ ރަސްގެފާން އަބްދުﷲ އާއި އިންޑޮނީޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯ އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހިމެނެ އެވެ.