01 ޖެނުއަރީ 2019 - 09:20

މެންޗެސްޓާ (ޖެނުއަރީ 1) - މެންޗެސްޓާ ޔުނައިޓެޑަކީ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ތިބި މޮޅު ޓީމެއް ކަމަށާއި އެ ޓީމަށް އެންމެ ހައްގުވާނެ މަގާމަކީ ލީގުގެ އެއް ވަނަ ކަމަށް އެ ޓީމުގެ ތަރި ޕައުލް ޕޮގްބާ ބުނެފި އެވެ.

ހޯސޭ މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމުން ދުރުކޮށް ވަގުތީ ކޯޗަކަށް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ނޯވޭގެ އޮލެ ގުނާ ސޯލްޝެއާ ހަވާލުވި ފަހުން ކުޅުނު މެޗުތަކުގައި ޕޮގްބާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޕޮގްބާ ވަނީ ހަތަރު ލަނޑު ޖަހައި އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޕޮގްބާ ބުނީ ޔުނައިޓެޑްގައި މިހާރު ފެންނަ ތަފާތަކީ ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިވެ އިތުބާރު ބޮޑުވުން ކަމަށެވެ.
"އަހަރެމެންނަކީ މެންޗެސްޓާ ޔުނައިޓެޑް. އަހަރެމެން އޮންނަން ޖޭހޭނީ ލީގުގެ އެއް ވަނައިގައި. އެއީ މި ޓީމުގެ ތާރީހުން ވެސް އެނގޭ އެއްޗަކީ މިއީ އެންމެ ކުރީގައި ވާދަކުރަން ޖެހޭނެ ޓީމެއްކަން. މިހާރު މި ފެންނަ ތަފާތަކީ ކޮންމެ ކުޅުންތެރިއެއްގެ އިތުބާރު ބޮޑުވުން. މުޅި ޓީމުގެ ގުޅުން ރަނގަޅުވެ ބަދަހިކަން އިތުރުވުން،" ޕޮގްބާ ބުންޏެވެ.
"އަހަރެމެންނަށް ސީޒަން ފެށުނީ ބޭނުންވި ގޮތަކަށް ނޫން. އެހެން ނޫންނަމަ މިއީ ލީގަށް ވާދަކުރެވޭނެ ފަހަރެއް. މިހާރު ވެސް ޓާގެޓަކީ ވީ އެންމެ މަތީ މަގާމެއްގައި އޮތުން."
ފާއިތުވި އަހަރެއްހާ ދުވަސްތެރޭގައި ޕޮގްބާ އާއި މޮރީނިއޯއާ ދެމެދު ގިނަ މައްސަލަތަކެއް ޖެހުނެވެ. އެކަމާ ހިތްހަމަނުޖެހި މޮރީނިއޯ އާއި ޕޮގްބާ ވަނީ މީޑިއާގައި ބަހުގެ ހަމަލާ ބަދަލުކޮށްފަ އެވެ. ޕޮގްބާ ބުނީ މޮރީނިއޯގެ ސަބަބުން އޭނާ އަށް ރަނގަޅު ބަދަލުތަކެއް އައި ކަމަށެވެ.
"މޮރީނިއޯއާ އެކު ވެސް އަހަންނަށް ގިނަ ކަންތައްތަކެއް ދަސްވި. ހުރިހާ ކަމެއް ދިޔައީ އެންމެ ރަނގަޅަކަށް ނޫން. އެކަމަކު އަހަރެމެން ތަށިތަކެއް ހޯދިން މޮރީނިއޯއާ އެކު. އެއީ އަހަންނަށް ކުޅުންތެރިއެއްގެ ގޮތުގައި ލިބުނު ކުރިއެރުމެއް. އެކަން އަބަދުވެސް ހަނދާން ކުރާނަން،" ޕޮގްބާ ބުންޏެވެ.
އޭނާ ބުނީ މޮރީނިއޯގެ ކޯޗުކަމުގައި ދެއްކި ކުޅުމާއި ސޯލްޝެއާ ހަވާލުވި ފަހުން ފެންނަ ތަފާތަކީ ޓީމު ބޮޑަށް އެޓޭކަށް ދޭ ސަމާލުކަން އިތުރުވުން ކަމަށެވެ.
ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑްގެ ކުޅުނު ތިން މެޗުން މޮޅުވެފައިވާއިރު، ޔުނައިޓެޑް ވަނީ އެ މެޗުތަކުގައި 12 ގޯލު ޖަހައިފަ އެވެ. މި ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗެއްގެ ގޮތުގައި ސޯލްޝެއާ ހުރި ނަމަވެސް އޭނާ ވަނީ ދާއިމީ އެއްބަސްވުމެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.
ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ނުކުންނާނީ މާދަމާރޭ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.