22 އޯގަސްޓް 2016 - 06:37

ފޯނަށް ކަވަރެއް ލައްވައިގެން އުޅޭ މީހުން ހީކުރަނީ ކަވަރުގެ ސަބަބުން ފޯނު ރައްކާތެރިކުރެވޭ ކަމަށެވެ. ޒަމާން ފެށުނީއްސުރެ އައިފޯނެއް ގެންގުޅޭ މީހަކު ބުނި ގޮތުގައި، ކަވަރުގެ ސަބަބުން ފޯނު ރައްކާތެރިކުރެވޭ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެކެވެ.
އޭނާގެ ޖަވާބާ ގަޔާނުވާ ބަޔަކު ވެސް ތިބެދާނެ އެވެ. އެކަމަކު އެ ޖަވާބާ މެދު ތަންކޮޅެއް ފުންކޮށް ވިސްނާލައިފި އެއީ ރަނގަޅު ވާހަކައެއް ކަމަށް ބެލެވެ އެވެ. އެކަމާ މެދު ވިސްނާލަމާ ހިނގާށެވެ.
ފޯނަށް ކަވަރެއް ލައްވައިގެން އުޅުމަކުން ފޯނު ރައްކާތެރިކަން ކަށަވަރެއް ނުވެ އެވެ. ކަވަރާ އެކު ފޯނު ވެއްޓި ތަޅައިގެންދަނީ މަދު ފަހަރަކު ނޫނެވެ. އެެއްގޮތަކަށް ވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވާ ފަހަރު ވެސް އާދެ އެވެ. ފޯނުު ހަލާކުވެ ކަވަރު ސަލާމަތްވުމުން ކަވަރުން ލިބުނު ހިމާޔަތެެއް ނެތެއް ނޫން ހެއްޔެވެ؟
ކަވަރު ލެއްވުމުން ފޯނު ހުތުރުވެ އެވެ. ފޯނު ތުނިކުރުމަކީ ސްމާޓްފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެކެވެ. ޑިޒައިނަރުން ނިދިން މަހުރޫމްވެ ތިބެ ފޯނަށް ގެންނަ ސިފަ، ކަވަރެއްގެ ސަބަބުން ގެއްލިގެން ދިއުމަށް ވުރެ ބޮޑު ހިތާމައެއް އޮންނާނެ ހެއްޔެވެ؟
ފޯނު ކަވަރަކީ ފޯނު އުފައްދާ ކުންފުނިތަކުން ކުޅޭ ކުޅިގަނޑެކެވެ. ކަވަރަކަށް ބޭނުން ނުޖެހޭ ގޮތަށް ފޯނެއް ހަމަ ނުއުފެއްދޭނެ ހެއްޔެވެ؟ ވިސްނޭތޯ މަސައްކަތްކޮށްބަލާށެވެ. އެއީ ވެސް ކުންފުންޏަށް ލިބޭ އިތުރު ފައިސާ އެވެ.
މަޝްހޫރު ކުންފުނިތަކުން އުފައްދާ ފޯނުތައް ބާޒާރަށް ނެރުމުގެ ކުރިން ކަވަރުތައް ވިއްކަން ފަށަ އެވެ. "އޮރިޖިނަލް އިކްއިޕްމަންޓް މެނުފެކްޗަރާ" (އޯއީއެމް) ކުންފުނިތައް ލައްވައި ފާޑުފާޑުގެ ކަވަރުތައް އުފެއްދުމުން ކޮންމެ ފޯނަކަށް ކަވަރެއްގެ ނިސްބަތުން ނޫނަސް މިލިއަނުން ވިކެ އެވެ. ކިހާ ފައިސާއެއް ހެއްޔެވެ؟ ފޯނު ވެސް އެހާ އަގު ބޮޑެވެ. އިތުރު ފައިސާއެއް ދޭނެ ކަމެއް ނެތެވެ.
ފޯނަށް ކަވަރެއް ލެއްވުމަކުން ހިރަފުހުން ސަލާމަތެއް ނުވެ އެވެ. ފެން ނުވަންނަ އެއްޗަކަށް ވެސް ނުވެ އެވެ. ފޯނުގެ ހަގީގީ ކުލަ ގެއްލި އޮފުކެނޑިގެން ދެ އެވެ. ކަވަރަކާ ހެދި ފޯނުކުރަން އެހާ އުނދަގުލެވެ. ޖަވާބުދޭން ވެސް އެހާ އުނދަގުލެވެ. ކުރެވެނީ ޖީބުގައި ބަތްޕޮޅިއެއް އޮންނަ އިހުސާސެވެ.
ފޯނަށް ކީއްކުރަން ލައްވާ ކަވަރެއް ހެއްޔެވެ؟ ހަލާކުވީމަ އެހެން ފޯނެއް ގަންނާނީ އެވެ. އެހެން ނޫނަސް ފޯނު ގަންނަނީ ދުވަސްކޮޅަކު ބޭނުންކޮށްފައި ވިއްކާލާ ގޮތަކަށް ނޫންހެއްޔެވެ؟