ގައުމީ ޓީމާ ގުޅުން އަވަސްކުރަން ރޮނާލްޑޯ ނިންމައިފި
ގައުމީ ޓީމާ ގުޅުން އަވަސްކުރަން ރޮނާލްޑޯ ނިންމައިފި

ލިޒްބަން، ޕޯޗުގަލް (ޖެނުއަރީ 1) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަރަށް އަވަހަށް އަލުން ގައުމީ ޓީމަށް ކުޅެން ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ޖޫން މަހު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ފަހު އުމުރުން ރޮނާލްޑޯ ވަނީ އަމިއްލަ ސަބަބުތަކަކާ ހުރެ ގައުމީ ޓީމުން ވަކިވެފަ އެވެ. ރޮނާލްޑޯ އެގޮތަށް ނިންމީ ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސްއާ މަޝްވަރާ ކުރުމަށް ފަހު އެވެ. ރޮނާލްޑޯ، އެންމެ ފުރަތަމަ ޓީމާ ދުރަށްދިޔައީ އޭނާ މި ފަހަރު ގުޅުނު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް އިތުރުވަގުތު ދިނުމަށާއި ގައުމީ ޓީމުން އާ ގިނަ ކުޅުންތެރިންނަށް ފުރުސަތު ދޭން ވެގެންނެވެ.

އެކަމަކު އަލުން ގައުމީ ޓީމަށް އެނބުރި އައުން ލަސްކޮށްލަން ރޮނާލްޑޯ ނިންމީ އޭނާގެ މައްޗަށް ކުރެވިފައިވާ ރޭޕްގެ ތުހުމަތުތަކެއްގެ ސަބަބުންނެވެ. ރޮނާލްޑޯގެ މައްޗަށް ކުރެވެނީ 2009 ވަނަ އަހަރު ލަސް ވޭގަސްގައި އެމެރިކާގެ އަންހެނެއް ކަމަށްވާ ކެތަރިން މަޔޯގާ ރޭޕް ކުރިކަމުގެ ތުހުމަތެވެ. ރޮނާލްޑޯ ވަނީ އެކަން ދޮގުކޮށްފަ އެވެ. މި މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމާ އަލުން ގުޅޭނީ އަންނަ މާޗް މަހު ފަށާ ޔޫރޯ ކޮލިފައިން އަށެވެ. އަދި އަންނަ ޖޫން މަހު އަމިއްލަ ގައުމުގައި ކުޅޭ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލު ބުރުގައި ރޮނާލްޑޯ ކުޅޭނެ އެވެ. ޔުއެފާ އިން މުޅިން އަލަށް ތައާރަފްކުރި މި މުބާރާތުގެ ސެމީގައި ޕޯޗުގަލް ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.

ޕޯޗުގަލްއާ އެކު 2016 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލި ރޮނާލްޑޯ ވަނީ އަމިއްލަ ގައުމުގައި ކުޅޭ ބައިނަލްއަގްވާމީ މުބާރާތެއް ކާމިޔާބު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެއީ 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ޔޫރޯގެ ފައިނަލުގައި ގްރީސް އަތުން ބަލިވުމުގެ ހަނދާންތައް ފޮހެލުމުގެ ގޮތުންނެވެ.

މި ފަހަރުގެ ގިނަ އެވޯޑް ހަފްލާތަކަށް ރޮނާލްޑޯ ހާޒިރެއްނުވެ އެވެ. ދާދި ފަހުން ޑެއިލީ ރެކޯޑަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ އިސްކަމެއްދިނީ އިންޑިވިޖުއަލް ޓްރޮފީތަކަށް ވުރެން ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ. އަދި ރެކޯޑްތަކާއި އެހެން ހުރިހާ ކާމިޔާބީތަކަކީ އޭނާ ކުރިއަށްދާން ކުރާ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ބުންޏެވެ.

މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވެ މިހާތަނަށް އެ ޓީމުގައި ރޮނާލްޑޯ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އަދި މުހިއްމު ވަގުތުތަކުގައި ޓީމު ސަލާމަތްކޮށްދޭން ގިނަ ލަނޑުތަކެއް ޖަހައިދިނެވެ.