31 ޑިސެމްބަރ 2018 - 18:25

ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ތުހުމަތުކުރެވޭކަން ފުލުސް އޮފީހުން މިއަދު ހާމަކޮށްފި އެވެ.
ފުލުހުން ބުނީ މަނީ ލޯންޑާ ކުރަން ޔާމީނަށް އެހީތެރިވުމުގެ އިތުރުން އެ މުއާމަލާތްތަކާ ބެހޭ ގޮތުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ވެސް އާޒިމާއަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އާޒިމާ އިއްޔެ ވަނީ ޕޮލިހަށް ހާޒިރުކޮށްފަ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ މިއަދު "މިހާރު" އަށް ވިދާޅުވީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެކަމަކު ތަހުގީގު ކުރިއަށަ ދާތީ ތަފްސީލް ދެއްވެން ނެތް ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކުގައި ޑިސެމްބަރު 15 ގައި، އެމަނިކުފާނު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް 1 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައަކާއި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެހެން އެކައުންޓަކަށް 22 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. މައްސަލަތަކުގެ ތަހުގީގަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެކު ޔާމީންގެ އެކައުންޓްތައް ވަނީ ފްރީޒް ވެސް ކޮށްފަ އެވެ.
އާޒިމާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި މި ވަނީ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ ސަރުކާރުގެ ބައެއް އިސް ވެރިން ހިމެނޭ ކަމަށާއި އެބޭފުޅުންގެ މައްސަލަތައް ވެސް ބަލާނެ ކަމަށް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެފައި ވަނިކޮށެވެ.
ފުލުސް އޮފީހުން ގެންގުޅޭ އުސޫލުގައިވާ ގޮތުގެ މަތިން ޖިނާއީ މައްސަލައެއްގެ ތުހުމަތު ކުރެވިއްޖެ ނަމަ އެ މައްސަލައެއްގައި އެމީހަކަށް ވަކީލެއްގެ ދައުރު އަދައެއް ނުކުރެވޭނެ އެވެ. އެހެންވެ ޔާމީންގެ ވަކީލެއްގެ ގޮތުގައި ދެން އާޒިމާ އަށް ފުލުސް އޮފީހަށް ވަޑައިގަނެވޭނެ ކަމަކަށް ނުބެލެވެ އެވެ.