31 ޑިސެމްބަރ 2018 - 15:34

އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ އަރައިރުންތަކަށް ހައްލެއް ގެނެސްދިނުމަށް، ދެ ގައުމު އެކުގައި މަސައްކަތްކުރަން ތައްޔާރުކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާއިން ބުނީ އެމެރިކާ އާއި ޗައިނާގެ މެދުގައި މި މަހު ކުރިޔަށް ގެންދިޔަ ޖީ20 ސަމިޓުގައި މަޝްވަރާކުރި ކަންކަމާމެދު ފިޔަވަޅު އަޅަން ކަމަށެވެ. އެ ދެ ގައުމުގެ މެދުގައި ޓްރޭޑްގެ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނިކޮށެވެ.
އާޖެންޓީނާގައި މި މަހު ބޭއްވި ބައްދަލުވުމުގައި އެ ދެ ގައުމުން ވަނީ ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް ހުރިހާ ޓެރިފެއް 90 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށާއި، އިތުރު ޓެރިފެއް ތައާރަފް ނުކުރަން ވަނީ ނިންމައިފަ އެވެ.
މިކަމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓުވީޓެއް ކުރައްވައު، ޗައިނާގެ ރައީސާ އެކު ރަނގަޅު މަޝްވަރާއެއް ކުރެވުނު ކަމަށް ފާހަގަކުރައްވައިފަ އެވެ. އަދި މި މަޝްވަރާތައް މިފަދަ ގޮތަކަށް ކުރިޔަށް ގޮސްފިނަމަ، ދެ ގައުމަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ވިޔަފާރީގެ އަރައިރުމުގައި ދެ ގައުމުގެ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވި އިރު އެންމެ ބޮޑަށް ގެއްލުންވެފައިވަނީ އޮޓޯ އިންޑަސްޓްރީ އާއި ޓެކްނޮލޮޖީގެ ދާއިރާ އަދި ދަނޑުވެރިކަމުގެ ދާއިރާއަށެވެ.
އިމްޕޯޓްކުރާ މުދަލުން ދެ ގައުމުން ވެސް ބޮޑެތި އަދަދުތަކުން ޓެކްސް ނަގަން ފެށުމުން ދެ ގައުމަށް ވެސް އިގްތިސާދީ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށް އިކޮނޮމިސްޓުން ބުނެ އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގާ ދެމެދު އެއްބަސްވުމަކާ ހަމަޔަށް އައުމަށް ބާރަކަށް ވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.