31 ޑިސެމްބަރ 2018 - 16:05

ފުވައްމުލަކުގައި އިސްލާމިކް ޔުނިވާސިޓީގެ (އައިޔޫއެމް) ލާނިން ސެންޓަރެއް ހަދަން އެ ޔުނިވަސިޓީ އާއި ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު އައިޝަތުު ހަލީލާ އަބްދުއްސައްތާރެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ސޮއި ކުރީ އެ ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފެވެ.
ފުވައްމުލަކުގައި އައިޔޫއެމްގެ ލާނިން ސެންޓަރެއް ހަދަން ނިންމާފައި ވަނީ މިހާރު ހަދާފައި ހުރި އިމާރާތެއް މަރާމާތު ކުރުމަށް ފަހު އެތަނުގަ އެވެ. އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު ހަލީލާ ވިދާޅުވީ މިވަގުތު ލާނިން ސެންޓަރެއް ހެދި ނަމަވެސް، މުސްތަގްބަލުގައި އެ ރަށުގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ހަދާނެ ކަމަށެވެ.
ހަލީލާ ވިދާޅުވީ އެ ސެންޓަރުގައި ކިޔަވައިދޭން ފަށާއިރު ސިޓީ ކައުންސިލުން ފާހަގަ ކޮށްފައިވާ ދާއިރާތަކުގެ ކޯސްތައް ހިންގަން އިސްކަންދޭނެ ކަމަށެވެ. ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯ އިން ކުރިއަށް ގެންދާ ކޯސްތަކުގެ އިތުރުން، އަތޮޅުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ރާވާފައިވާ "ލޯކަލް ގަވާނަންސް އެންޑް އިމާމްޝިޕް" ކޯހެއް ވެސް ހިންގަން ވަނީ ނިންމައިފަ އެވެ.
ހަލީލާ ވިދާޅުވި ރާއްޖޭގެ އެކި ހިސާބުތަކުގައި އައިޔޫއެމްގެ ހިދުމަތް ދިނުމަކީ އެތަނުގެ ވަރަށް ބޮޑު އުންމީދެކެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލީހުގެ ތައުލީމީ ސިޔާސަތުގެ ތެރޭގައި ހުރިހާ ރަށަކަށް ހިލޭ ސާބަހަށް ކިޔެވޭ ގޮތަށް މަތީ ތައުލީމު އާންމުކުރައްވާފައި މި އޮތީ. އެ ސިޔާސަތުކުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންތައްތަކަށް މަގުފަހިކުރުމަށްޓަކައި ފުރަތަމަ މި ކަންތައް މި ފަށަނީ،" ހަލީލާ ވިދާޅުވި އެވެ.
މީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެ ޔުނިވާސިޓީގެ ލާނިން ސެންޓަރު ގާއިމުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ފުވައްމުލަކުގެ އިތުރުން ގދ. ތިނަދޫ އާއި ޅ. ނައިފަރާއި ހދ. ކުޅުދުއްފުުށި އަދި ލ. ފޮނަދޫ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކުގެ މޭޔަރު ފަލާހު ވިދާޅުވީ ލާނިން ސެންޓަރެއް ހެދުމުން ފައިދާ ވާނީ ހަމައެކަނި އެ ރަށު ރައްޔިތުންނަށް އެކަނި ނޫން ކަމަށެވެ.
"އަހަރުތަކެއް ފާއިތުވެ ހިންގައްޖެ އިސްލާމިކް ޔުނިވާސިޓީ ހިންގާ ކޯސްތަކެއް ފުވައްމުލަކުު ރައްޔިތުންނަށް އަދި ރާއްޖޭގެ އެހެން ރައްޔިތުންނަށް ވެސް މާލެ ނައިސް ކިޔެވޭނެ ގޮތެއް ވޭތޯ ބެލުމަށް މަސައްކަތް ކުރަމުން އަންނަތާ،" ފަލާހު ވިދާޅުވި އެވެ.