ޔޫއޭއީއަށް ދާން ދިވެހިންނަށް މިހާރު ވިސާ ބޭނުމެއް ނުވާނެ
ޔޫއޭއީއަށް ދާން ދިވެހިންނަށް މިހާރު ވިސާ ބޭނުމެއް ނުވާނެ

މާދަމާ އިން ފެށިގެން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް މިއަދު ވިދާޅުވީ ދިވެހިންނަށް ވިސާއާ ނުލައި ޔޫއޭއީ އަށް ދަތުރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އެ ގައުމުގެ ސަރުކާރުން މިހާރު ކޮށްފައިވާ ކަމަށެވެ.

"ޔޫއޭއީ އަށް ވިސާއާނުލައި ދިވެހިންނަށް މާދަމާ އިން ފެށިގެން ދަތުރު ކުރެވޭނެ. ޔޫއޭއީ ސަރުކާރުން ކުރައްވަން ޖެހޭ ހުރިހާ އިންތިޒާމްތަކެއް ކުރައްވާ އެއާލައިންތަކަށް ވެސް މިހާރު ވަނީ އަންގައިފައި،" ހަލީލް ވިދާޅުވި އެވެ.

ޔޫއޭއީ އަށް ވިސާއާ ނުލައި ދަތުރު ކުރެވޭ ގޮތް ހަމަޖައްސަވާނެ ކަމަށް އިއުލާންކޮށްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރެއްގަ އެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން ހަލީލް މިއަދު ވިދާޅުވީ ހުރިހާ ކެޓަގަރީއެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ވެސް ވިސާއާ ނުލައި މާދަމާ އިން ފެށިގެން ޔޫއޭއީ އަށް ދަތުރު ކުރެވޭނެ ކަމަށެވެ.

"ވިސާ ބޭނުމެއް ނުވާނެ. އެއް މަސް ދުވަހުގެ ވިސާ ލިބޭނެ ހުރިހާ ކެޓަގަރީއެއްގެ މީހުންނަށް ވެސް. އެއީ ޑިޕްލޮމެޓިކް، އޮފިޝަލް އަދި އޯޑިނަރީ ޕާސްޕޯޓްސް. ވިޔަފާރި ވިސާ ފަދަ ކަންކަން އޮންނަ ގަވާއިދުގެ ދަށުން ހަމަ ދާނީ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެހެން ބައެއް ގައުމުތަކަށް ވެސް ވިސާއާ ނުލައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަމުންދާ ކަމެއް ވިސާ ނެތި ދިވެހިންނަށް ދަތުރު ކުރެވޭ ގޮތް ހަމަޖެއްސުން. އެކަމަކު ފަހަރަކު ގައުމެއް ވަކިވަކިން އަޅުގަނޑުމެން ބަލަމުން ގެންދާނީ،" އޭނާ ވިދާޅުވި އެވެ.

ޔޫއޭއީ އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރު ކުރެވޭ ގޮތް ހަމަޖައްސާފައި މި ވަނީ އިންޑިއާ އަށް ދިއުމަށް ނަގަންޖެހޭ ވިސާގެ ބޮޑެތި ލުއިތަކެއް ހޯދުމަށް ސަރުކާރުން އިންޑިއާ އެކު އެއްބަސްވެފައި ވަނިކޮށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހީނަރުވެ ދިވެހިންނަށް ވިސާ ލިބުމަށް ދަތިވެފައި އޮއްވައި މިހާރުގެ ސަރުކާރުން ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ޓޫރިޒަމް، ބޭސްފަރުވާ އަދި ވިޔަފާރިއާ ގުޅޭ ކަންކަމުގައި ދިވެހިންނަށް ވިސާގެ ލުއިތައް ވަނީ ލިބިފަ އެވެ.