31 ޑިސެމްބަރ 2018 - 12:56

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަޔަ ސްޓޭޝަންތައް ގާއިމްކޮށް، އަލިފާން ނިއްވުމުގެ ހިދުމަތް ހުރިހާ ރަށެއްގައި ވެސް ދެވޭނެ އިންތިޒާމް ފަސް އަހަރު ތެރޭގައި ގާއިމް ކުރަން ޕްލޭންކޮށްފައިވާ ކަމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން މިއަދު ބުނެފި އެވެ.

ކޯސްޓްގާޑް ބިލްޑިންގް ގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ފަޔަ އެންޑް ރެސްކިއުގެ ކޮމާންޑަރު ކާނަލް އަބުދުﷲ ޒުހުރީ ވިދާޅުވީ ފަޔަ އެންޑް ރެސްކިއު ސާވިސްގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭނެއް މިހާރު އެކުލަވާލާފައިވާ ކަމަށާއީ އަތޮޅުތަކަށް ހިދުމަތް ފުޅާ ކުރުމަކީ އެ ޕްލޭންގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒުހުރީ ވިދާޅުވީ ހިދުމަތް އަތޮޅުތަކަށް ފުޅާކުރުން ވީހާވެސް އަވަހެއް ކުރަން އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީން ވެސް މަސައްކަތް ކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ފަސް އަހަރުގެ ޕްލޭންގެ ތެރެއިން ކޮންމެ އަތޮޅެއްގައި ގާއިމް ކުރެވިގެންދާނެ ފަޔާ ސްޓޭޝަނެއް އަދި ކޮންމެ ރަށެއްގައި އަލިފާން ނިއްވުމުގެ ވަސީލަތްތަކެއް، ގޮތް ތަކެއް އަޅުގަނޑުމެން ހަދާނަން،" ޒުުހުރީ ވިދާޅުވި އެވެ.
ޖަޕާން ސަރުކާރުން ވަނީ މިމަހުގެ ކުރީކޮޅު ފަޔާ އެންޑް ރެސްކިއު ސާވިސްއަށް 13 ވެހިކަލެއް ހަދިޔާކޮށްފަ އެވެ. ޒުހުރީ ވިދާޅުވީ ޖަޕާނުން ހަދިޔާކުރި އެ ވެހިކަލްތައް އަތޮޅުތަކަށް ފޮނުވަން މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ. އެގޮތުން ބައެއް ބޮޑެތި ރަށްތަކަށް ދެ ވެހިކަލް ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެވެހިކަލް ފޮނުވާނީ އައްޑުއަށާއިލ. އަތޮޅަށާއި ޅ. ނައިފަރު އަދި ހދ. ކުޅުދުއްފުށްޓަށެވެ. އަތޮޅުތަކަށް ފޮނުވާނީ 4000 ލީޓަރުގެ ވެހިކަލްތަކާއި 3500 ލީޓަރުގެ ވެހިކަލްތަކެވެ.
ރާއްޖޭގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އަންނަނީ އަހަރުން އަހަރަށް މަދުވަމުން ކަމަށް ޒުހުރީ ވިދާޅުވި އެވެ. އެގޮތަށް މަދުވަމުން އަންނަނީ ފަޔާ އެންޑް ރެސްކިއު ސާވިސް އިން މީހުން ހޭލުންތެރި ކުރުވަން ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ ގަބޫލުުކުރައްވަ އެވެ.
"އަޅުގަނޑު ހަމަ ވަރަށް އުފަލާ އެކު ފާހަގަ ކޮށްލަން ހާދިސާތައް ވަނީ މަދުވެފައި. 2016 ވަނަ އަހަރު 102 ހާދިސާ، 2017 ވަނަ އަހަރު 119 ހާދިސާ ، 2018 ވަނަ އަހަރު 105 ހާދިސާއެއް" ޒުހުރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލިފާނުގެ ބޮޑެތި ހާދިސާތައް 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ގިނަވި ކަމަށާއި އެހެން ނަމަވެސް މިއަހަރު ބޮޑުތަނުން މަދުވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރު ހިނގާފައި ވަނީ 11 ހާދިސާ އެވެ.