ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީ އަނެއްކާ ވެސް ރާއްޖޭގައި
ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީ އަނެއްކާ ވެސް ރާއްޖޭގައި

ރާއްޖެ އަށް ޗުއްޓީ އަށް މިހާރު އެންމެ ގިނައިން އަންނަ ބޮލީވުޑް ތަރިންގެ ތެރޭގައި ހިމެނޭ ޒުވާން ދެ ލޯބިވެރިން ކަމަށްވާ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީ އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.

އާ އަހަރު ފާހަގަކުރަން ދެ ތަރިން ރާއްޖެ އައިސް، ޗުއްޓީ ހޭދަކުރަމުން އަންނަ ސޮނެވާ ޖާނީގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ވެސް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ދެ ތަރިން ރާއްޖޭގައި ތިބޭތާ މިހާރު ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ.

ޓައިގާ އާއި ޑިޝާއަކީ މި އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބާގީ 2" ގެ ތަރިންނެވެ.

ދެ ތަރިންގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާ އިރު ޓައިގާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ.

ޑިޝާގެ ކުރިއަށް އޮތް ފިލްމަކީ ސަލްމާން ހާނާ އެކު ކުޅޭ "ބާރަތު" އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.