31 ޑިސެމްބަރ 2018 - 12:08

މިދިޔަ މަހުގެ ފަހުކޮޅު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށި، ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސަންޑްރާ ބްލޮކްގެ ތުރިލާ "ބާޑް ބޮކްސް" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ސްޓްރީމް ކުރަން ފެށި ހަފުތާގައި އެކަނި ވެސް 45 މިލިއަށް ވުރެ ގިނަ މީހުން އެ ފިލްމު ބަލާފައިވާ ކަމަށް ނެޓްފްލިކްސް ބުނެފި އެވެ.
ސޫޒަން ބިއާ ޑައިރެކްޓްކޮށްފައިވާ ފިލްމު ސްޓްރީމްކުރަން ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
އެއަށް ލިބެމުން އަންނަ ތަރުހީބު ޓްވިޓާގައި ހިއްސާ ކުރަމުން ނެޓްފްލިކްސް އިން ބުނި ގޮތުގައި މިއީ އެ ކުންފުނީގެ ފިލްމަކަށް ހަފުތާއެއްގެ ތެރޭގައި ލިބުނު އެންމެ ގިނަ ވިއުސް އެވެ.
މަޔަކާއި ކުޑަ ދެ ކުދިންނަށް ދިމާވާ އާދަޔާ ޚިލާފު ހާދިސާއެއް ކިޔައިދޭ "ބާޑް ބޮކްސް" އަކީ 2014 ގައި އެމެރިކާގެ ރޮކް ބޭންޑް "ދަ ހައި ސްޓްރަންގް" ގެ ލަވަކިޔުންތެރިޔާ ޖޯޝް މެލާމަން ހަމަ އެ ނަމުގައި ގެނެސްދިން އޭނާގެ އަލަތު ވާހަކައަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
"ބާޑް ބޮކްސް" އަކީ 19.8 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ 124 މިނިޓްގެ ފިލްމެކެވެ. ނެޓްފްލިކްސްއިން މި ފިލްމު ސްޓްރީމް ކުރުމުގެ ކުރިން ވަނީ ނޮވެމްބަރު މަހު އެމެރިކަން ފިލްމު އިންސްޓިޓިއުޓް (އޭއެފްއައި) ގައި ވެސް ދައްކާލައިފަ އެވެ.
މި ފިލްމަށް ކްރިޓިކުންގެ ފަރާތުން މަސްހުނި ފާޑުކިޔުންތަކެއް ލިބިފައިވާ އިރު، ގިނަ ކްރިޓިކުން ވަނީ އޮސްކާ ހާސިލުކޮށްފައިވާ ސަންޑްރާގެ އެކްޓިން އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.