31 ޑިސެމްބަރ 2018 - 11:13

ދިރިއުޅުމަށް ތަންތަން ކުއްޔަށް ދިނުމާ ބެހޭ ބިލެއް ސަރުކާރުން ޑްރާފްޓް ކުރަނީ ކުލި ކޮންޓްރޯލްކުރަން ނޫން ކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ދިރިއުޅުމަށް ތަންތަން ކުއްޔަށް ދޫކުރުމުގެ ބިލެއް ޑްރާފްޓް ކުރާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިދިޔަ ހަފުތާގައި އޮތީ އިއުލާންކޮށްފަ އެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އާތިފާ ވިދާޅުވީ އެ ބިލަކީ ކުއްޔަށް ދޫކުރާ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ރައްކާތެރިކޮށް، ކުލީގެ މުއާމަލާތްތައް ހިންގަންޖެހޭ ގޮތުގެ ތަފްސީލުތައް ހިމެނޭނެ ބިލެއް ކަމަށެވެ. އަދި ކުލީގެ އަގު ކަނޑައެޅުން ނުވަތަ ކޮންޓްރޯލް ކުރުން އެ ބިލުގައި ހިމަނާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ޓެނަންސީ އެކްޓެއް. ޓެނަންސީ އެކްޓަކީ އޭގައި ދިވެހި ބަހުން ޖަހާފައި ވެސް އޮންނާނެ ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލެއް ކަން. އޭގައި ކުލީގެ ވާހަކައެއް ނޯންނާނެ." އާތިފާ ވިދާޅުވި އެވެ.
އާތިފާ ވިދާޅުވި ގޮތުގައި ކުއްޔަށް ދޫކުރާ ތަންތަނުގައި ހުންނަންޖެހޭ ފެންވަރާއި ފުރިހަމަ ވާންޖެހޭ ޒަރޫރީ ޚިދުމަތްތަކުގެ އިތުރުން ކުއްޔަށް ދިނުމުގެ މުއްދަތާއި އެޑްވާންސް ފައިސާ ނެގުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް އެ ބިލުގައި ހިމެނޭނެ އެވެ. އެކަމަކު އެ ބިލް ޑްރާފްޓްކުރީ ކަމާބެހޭ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު އެ ފަރާތްތަކުގެ ޚިޔާލު ހިމަނައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތި ބޭފުޅުން މާލޭގައި މީހުން ދިރިއުޅޭ ތަންތަނަށް ވަދެވަޑައިގެންވީމަ އެނގިވަޑައިގަންނަވާނެ އެ ތަންތަނަކީ އާންމުން ދިރިއުޅެން ބޭނުންވާ ފެންވަރަށް ދޫކުރެވިފައި ހުރި ތަންތަންތޯ؟. އެކްސެސް އެބަހުރިތޯ؟. ލިފްޓެއް ނެތި ކިތައް ވަނަ ބުރިއަށްތޯ އަރައިގެން މިދަނީ؟. ދެން އެއީ އިމާރާތް ކުރުމާ ބެހޭ ގާނޫނުގައި ވެސް އޮންނާނެ ބައެއް. އެކަމަކު ޓެނަންސީ އެކްޓް ޑްރާފްޓްކޮށް ނިމިގެން ދާއިރު ބަލަހައްޓައިދޭނެ މިދެންނެވި ހުރިހާ ކަމެއް." އާތިފާ ވިދާޅުވި އެވެ.
މާލޭގައި ކުލި ބޮޑުވުމުގެ ޝަކުވާ ބޮޑުވިޔަސް، ކުލި ކޮންޓްރޯލް ކުރާނެ ގާނޫނެއް ނުވަތަ ގަވާއިދެއް ރާއްޖެއަކު ނެތެވެ. އެކަމަކު ކުއްޔަށް ދޭ ފަރާތްތަކުގެ ހައްގުތަކާއި ކުއްޔަށް ހިފާ މީހާގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބިލެއް 2014 ގައި އުވިދިޔަ މަޖިލީހަށް ވެސް އޭރު ހުށަހެޅި އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި އެ ބިލް މަޖިލީހުން ފާހެއް ނުވި އެވެ.