01 ޖެނުއަރީ 2019 - 07:28

ބަތަލު ލިއަމް ހެމްސްވޯތާއި ލަވަކިޔުންތެރިޔާ މައިލީ ސައިރަސް މިދިޔަ ހަފުތާގެ ތެރޭގައި ކައިވެނި ކުރުމާ އެކު، އެންމެ ބޮޑު ފައިދާއެއްވީ ކޮން ބަޔަކަށްކަން އެނގޭ ހެއްޔެވެ؟ އެއީ ސްޓްރީމިން ކުންފުނި އެމެޒޯން ޕްރައިމް ވީޑިއޯ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ދެ ތަރިން މަލިބޫގައި ކުރި ސިއްރު ކައިވެނީގެ ވާހަކައާ އެކު އެމެޒޯން އިން ސްޓްރީމްކުރާ މައިލީ އާއި ލިއަމް އެކުގައި ކުޅުނު ފުރަތަމަ ފިލްމު ދަ ލާސްޓް ސޯންގް (2010) ގެ ވިއުސް ވަނީ އެތައް ގުނައެެއް އުފުލިގެން ގޮސްފަ އެވެ.
މިކަން އެމެޒޯއިން ކުރި ޓްވީޓެއްގައި ވެސް ވަނީ ހާމަކޮށްފަ އެވެ. އެ ޓްވީޓްގައި ބުނީ މައިލީ އާއި ލިއަމް ކައިވެނިކުރި ވާހަކަ ބުދަ ދުވަހު ވައިރަލްވުމާ އެކު، "ދަ ލާސްޓް ސޯންގް" ވިއުސް ބޮޑުތަނުން އުފުލިގެން ގޮސްފައިވާ ކަމަށެވެ.
ވަރަށް ސިއްރުން ކައިވެނި ކުރުމަށް ފަހު، ދެ ތަރިން ފަހުން ވަނީ ސޯޝަލް މީޑިއާގައި ކައިވެނި ކުރިކަން ޔަގީން ވެސް ކޮށް ދީފަ އެވެ.
ދެ މީހުންނަށް އުފާވެރި ބާއްޖަވެރި ހަޔާތަކަށް އެދޭ ކަމަށް ބުނެ އެމެޒޯންގެ ޓްވީޓްގައި ވަނީ މަރުހަބާ ވެސް ކިޔައިފަ އެވެ.
ވަރަށް އާދައިގެ ހަފުލާއެއްގައި މައިލީ އާއި ލިއަމް ކައިވެނި ކުރި އިރު، ދެ މީހުން ފުރަތަމަ ބައްދަލުވެ، ލޯބީގެ ގުޅުމެއް ފެށުނީ ވެސް "ދަ ލާސްޓް ސޯންގް" ގެ ސެޓުންނެވެ.
އެހެންވެ ފޭނުން ދެ ތަރިންގެ ކައިވެންޏާ އެކު އެ މީހުންގެ ލޯބީގެ ފެށުމުގެ ތެރެއަށް ފިލްމާ އެކު ދާން ބޭނުންވީ ކަމަށް ބެލެވެ އެވެ. މައިލީ އާއި ލިއަމް މި ވަގުތު ތިބީ ހަނީމޫނަށް އެމެރިކާގެ މޮންޓާނާގެ ރިސޯޓެއްގަ އެވެ.
ޖޫނީ އެނީ ރޮބިންސަން ޑައިރެކްޓް ކުރި ލޯބީގެ ފިލްމު "ދަ ލާސްޓް ސޯންގް" އަކީ ބޮކްސް އޮފީހުގައި 89 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެންމެ ވިހި މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އިތުރު ކާސްޓުންނަކީ ބޮބީ ކޮލްމަން، ކެލީ ޕްރެސްޓަން އަދި ގްރެގް ކިނިއާ އެވެ.