31 ޑިސެމްބަރ 2018 - 10:38

ޑާކާ (ޑިސެމްބަރު 31) - ވޯޓު އޮޅުވާލި ކަމަށް އިދިކޮޅު ފަރާތްތަކުން އެތައް ތުހުމަތެއް ކުރި ބަންގްލަދޭޝްގެ އާއްމު އިންތިޚާބު ބޮޑު ތަފާތަކުން ބޮޑު ވަޒީރު ޝެއިޚް ހަސީނާ ކާމިޔާބު ކުރައްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާން ކޮށްފި އެވެ.
ވެރިކަން ކުރާ ޕާޓީން ވާދަކުރި 300 ގޮނޑީގެ ތެރޭން 288 ގޮނޑި ވަނީ ހަސީނާގެ އަވާމީ ލީގުން ކާމިޔާބުކޮށްފަ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ، ބަންގްލަދޭޝް ނޭޝަނަލިސޓް ޕާޓީ އަށް ލިބިފައި ވަނީ ހަތް ގޮނޑި އެވެ. އިދިކޮޅު ޕާޓީތަކުން ވަނީ އާ އިންތިޚާބެއް ބޭއްވުމަށް ގޮވާލައިފަ އެވެ.
ބަންގްލަދޭޝްގެ ޕާލަމެންޓުގައި ހިމެނެނީ 350 ގޮނޑި އެވެ. އޭގެ ތެރޭން 50 ގޮނޑި ވަނީ އަންހެނުންނަށް ރިޒާވް ކޮށްފަ އެވެ.
"މަކަރާއި ހީލަތް ހަދާފައިވާ މި ވޯޓު ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން،" އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ކެންޑިޑޭޓް ކަމާލް ހުސައިން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޮއިޓާސް އަށް ބުނެފައި ވަނީ ވޯޓު އޮޅުވާލިކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށާއި އެކަންތައްތައް ބަލާނެ ކަމަށެވެ.
އިންތިޚާބު އޮތް ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ވަނީ 17 މީހުން މަރުވެފަ އެވެ.