01 ޖެނުއަރީ 2019 - 07:29

އަންނަ މަހު ރިލީޒްކުރާ ފިލްމު "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އަކީ ވަރަށް ވެސް ތަފާތު ފިލްމަކަށް ވާނެ ކަމަށާއި މިއީ ބެލުންތެރިން އުންމީދު ވެސް ނުކުރާ ކަހަލަ ވާހަކައެއް ކިޔައިދޭނެ ފިލްމަކަށް ވާނެ ކަމަށް، އޭގައި މުހިއްމު ރޯލެއް ކުޅެފައިވާ ބަތަލާ ޖޫހީ ޗާވްލާ ބުނެފި އެވެ.
މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި ބަތަލާ ބުނި ގޮތުގައި "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އަކީ ސްކްރިޕްޓް ކިޔައި ދިނުމާ އެކު އޭނާ ވަރަށް ގަޔާވި އެއްޗެކެވެ.
"ވަކިން ހާއްސަކޮށް އަހަރެން ފާހަގަކުރާ ނަމަ އަހަރެން މީގައި ކުޅެފައި އިންނާނީ އަހަންނާ ވަރަށް ގުޅޭ ކަހަލަ ކެރެކްޓާއެއް،" ޖޫހީ، 51، ބުންޏެވެ. "ހަމަ ޔަގީނުން ވެސް މިއީ އަހަރެން މިހާތަނަށް ކީ އެންމެ ފުރިހަމައެއް ސްކްރިޕްޓް، ފިލްމު ރާވާލާފައި އޮތީ ވަރަށް ވެސް ފުރިހަމަކޮށް،"
އޭނާ ބުނި ގޮތުގައި ޝެލީ ޗޯޕްޅާ ދާރްގެ އަލަތު ޑައިރެކްޝަންވެގެން ދާނީ އާއިލީ ލޯތްބާއި އިޝްގީ ލޯބީގެ ތެރެއިން ވެސް ތަފާތު ލޯބީގެ ހާދިސާތަކެއް ވަރަށް ފުރިހަމަ އަށް ވަރަށް ރީތިކޮށް، ބެލުންތެރިންނަށް ކިޔައިދޭނެ ފިލްމެކަށެވެ.
"ހަމަ ޔަގީނުން ވެސް އަސަރު ގަދަ ޖަޒުބާތުތަކުން ބެލުންތެރިން ފޯކޮށްލާނެ ފިލްމެއް އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާއަކީ." ޖޫހީ ބުންޏެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހު ސިނަމާތަކަށް އަންނަ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރްގެ އިތުރުން ރާޖްކުމާރު ރާއޯ ހިމެނެ އެވެ.
"އަހަންނަށް ވަރަށް ޔަގީން ބެލުންތެރިންނަށް ފިލްމު ވަރަށް ކަމުދާނެކަން. އަދި އަނިލް އާއި ސޯނަމްގެ ކެރެކްޓާތައް ބެލުންތެރިން މުޅިން ހިސާބަކަށް ގެންދާނެ." އަނިލްއާ އެކު ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޖޫހީ ބުންޏެވެ.