ސިޓީން ލިވަޕޫލް މެޗުގެ ކުރިން ފަރަގުކުޑަކޮށްފި
ސިޓީން ލިވަޕޫލް މެޗުގެ ކުރިން ފަރަގުކުޑަކޮށްފި

މެންޗެސްޓާ (ޑިސެމްބަރު 31) – ސައުތުހެމްޓަން 3-1 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަލުން އަރައި އެއް ވަނައިގައި އޮތް ލިވަޕޫލާ ތަފާތު ކުޑަކޮށްފި އެވެ.

މި ނަތީޖާއާ އެކު ސިޓީ އާއި ލިވަޕޫލް ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗުގެ ފޯރި އިތުރަށް ގަދަވީ އެވެ. ލިވަޕޫލް 54 ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި އޮތްއިރު ސިޓީ ދެ ވަނައިގައި އޮތީ 47 ޕޮއިންޓާ އެކު އެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅޭ އެ މެޗުން މޮޅުވެ އެ ޓީމަށް ހަތަރު ޕޮއިންޓަށް ގާތްކުރެވެން އޮތްއިރު ލިވަޕޫލަށް އޮތީ ސީޒަން ދެ ބައިވާއިރު ތަފާތު ބޮޑުކޮށްލުމުގެ ފުރުސަތެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮތުމުން ސިޓީން ރޭ ރަށުން ބޭރުގައި ސައުތުހެމްޓަނާ ދެކޮޅަށް ނުކުތީ ވަރަށް ސަމާލުވެގެންނެވެ. އަދި 10 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާގެ ގޯލުން ލީޑު ނެގި އެވެ. އޭގެ ފަހުން ޕިއެރޭ އެމިލް ހޮޖްބަގް ސައުތުހެމްޓަށް އެއްވަރުކޮށްދިން ނަމަވެސް ސިޓީން ވަނީ ހާފު ނިމުމުގެ ކުރިން ތަފާތު ބޮޑުކޮށްފަ އެވެ. ސައުތުހެމްޓަންގެ ޖޭމްސް ވާޑް-ޕްރޯސް އަތުން ބައިކޮޅަށް ލަނޑެއް ވަންއިރު އަނެއް ގޯލް ޖެހީ ސާޖިއޯ އަގުއޭރޯ އެވެ.

ރޭ ޗެލްސީން ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެ ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްއާ ތަފާތު ކުޑަކޮށްފަ އެވެ. ޓޮޓެންހަމް މި ހަފުތާގައި ކުޅުނު މެޗުން ވުލްވްސް އަތުން 3-1 އިން ބަލިވިއިރު އެ ޓީމު އޮތީ 45 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 43 ޕޮއިންޓް ހަމަކޮށްގެންނެވެ.

ގަދަ ހަތަރެއްގެ ރޭހުން މިވަގުތު ބާކީވެފައިވާ މެންޗެސްޓާ ޔުނައިޓެޑް ވަނީ އާ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން ކުޅުނު ތިން ވަނަ މެޗުން ބޯންމައުތު އަތުން އަމިއްލަ ދަނޑުގައި 4-1 އިން މޮޅުވެފަ އެވެ. ހޯސޭ މޮރީނިއޯ ވަކިކޮށް ސޯލްޝެއާއާ ހަވާލުކުރި ފަހުން އެ ޓީމު މިވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ރޭގެ މެޗުގައި ވެސް ތަފާތު ދެއްކީ މޮރީނިއޯގެ ޓީމުން ބާކީވެފައި ހުރި ޕައުލް ޕޮގްބާ އެވެ. ފުރަތަމަ ދެ ގޯލް ޖެހީ އޭނާ އެވެ. އަނެއް ދެ ލަނޑު ޖެހީ މާކަސް ރަޝްފޯޑާއި ރޮމެލޫ ލުކާކޫ އެވެ. މި މެޗުގެ ފަހުކޮޅު ޔުނައިޓެޑުގެ ޑިފެންޑަރު އެރިކް ބާއީ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.