20 އޯގަސްޓް 2016 - 19:56

ދިވެހިން ވެސް އާންމުކޮށް ގޮސް އުޅޭ ތައިލެންޑުން، ރާއްޖެ ވެސް ހިމެނޭ ގޮތަށް، އެ ގައުމަށް ދަތުރުކުރާ 19 ގައުމަކަށް ނިސްބަތްވާ މީހުންނަށް، އޮން އެރައިވަލް ވިސާ ފީ ދެ ގުނަ ބޮޑުކުރަން ނިންމައިފި އެވެ.
މި ބަދަލު އަންނާނީ އަންނަ މަހު 27 ވަނަ ދުވަހުން ފެށިގެންނެވެ.
ތައިލެންޑްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ބެންކޮކް ޕޯސްޓްގައި ބުނެފައިވާ ގޮތުން އޮން އެރައިވަލް ވިސާ ބޮޑުކުރަން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ އިންޑިއާ، މޮރިޝަސް، ޗައިނާ، ބޫޓާން، ސައިޕްރަސް، ބަލްގޭރިއާ، އެންޑޯރާ، އިތިއޯޕިއާ، ކަޒަކަސްތާން، ލެޓްވިއާ، ލިތުއޭނިއާ، މޯލްޓާ، ރޮމޭނިއާ، ސައުދި އަރަބިއާ، ޓައިވާން، ޔުކްރޭން، ސެން މަރީނޯ އަދި އުޒްބެކިސްތާނެވެ.
ތައިލެންޑަށް ދާ ދިވެހިންގެ އަތުން އޮން އެރައިވަލް ވިސާގެ ގޮތުގައި މިހާރު ނަގަނީ 1،000 ބާތު (500ރ.) އެވެ.
ނަމަވެސް އަގަށް ގެންނަ ބަދަލާ ގުޅިގެން ދިވެހިންގެ އަތުން އޮން އެރައިވަލް ވިސާ ފީގެ ގޮތުގައި ސެޕްޓެމްބަރު 27 އިން ފެށިގެން 2،000 ބާތު (1،000ރ.) ނަގާނެ އެވެ.
ތައިލެންޑުން އޮންއެރައިވަލް ވިސާގެ ގޮތުގައި ޖަހައި ދެނީ 15 ދުވަހެވެ.
އޮން އެރައިވަލް ވިސާގެ ފީ ބޮޑު ކުރިޔަސް ތައިލެންޑުގެ އެމްބަސީތަކުންނާއި ކޮންސިއުލޭޓުތަކުން ޖަހައިދޭ ވިސާގެ ފީ ބޮޑު ނުވާނެ ކަމަށް ބެންކޮކް ޕޯސްޓްގައި ބުނެފައިވެ އެވެ.
ރާއްޖޭގައި ވެސް ތައިލެންޑް ވިސާ ޖަހާދިނުމުގެ ހިދުމަތް މާލޭގައި ހުންނަ ތައިލެންޑްގެ ކޮންސިއުލޭޓުން ދެ އެވެ.
އޮން އެރައިވަލް ވިސާ ފީ ބޮޑުކުރަން ތައިލެންޑްގެ ކެބިނެޓުން ފާސްކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.