މާފަށް އެދުމުން އެމްޑީޕީގެ ޕްރައިމަރީން މުސްތަފާއަށް ފުރުސަތު ދީފި
މާފަށް އެދުމުން އެމްޑީޕީގެ ޕްރައިމަރީން މުސްތަފާއަށް ފުރުސަތު ދީފި

މީގެ ކުރިން ބޭއްވި މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަށް ފަހު ޕާޓީ ބަދަލުކުރި މައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގަތުމުން، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށި ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު މުސްތަފާއަށް ދީފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މުސްތަފާ އަށް ނޯންނާނެ ކަމަށް ބުނެ، މުސްތަފާ ހުށަހެޅުއްވި ފޯމް ބާތިލްކޮށްދިނުމަށް އެދި ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް މި މަހު 22 ގައި ހުށަހެޅީ ތިމަރަފުށީ، ސީނުގެ، އަބްދުﷲ މުހައްމަދެވެ.

އެ މައްސަލަ ބެލުމަށްފަހު، ފިޔަވަޅު އަޅާ ކޮމެޓީން އިއްޔެ ނިންމާފައިވަނީ، އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވުމާއެކު އޭރު ވެރިކަންކުރި ޕީޕީއެމަށް ބަދަލުވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް އެ ކުށް އޭނާ ކުރެއްވި ހާލަތަށާއި އަދި އޭގެ ފަހުން ކަން ހިނގައިދިޔަ ގޮތްތަކަށް ރިއާޔަތްކޮށް ކޮމެޓީއަށް އެ މައްސަލާގައި ފެނުނީ، ޕާޓީގެ އެތެރޭގެ އެއްވެސް އިންތިޚާބެއްގައި މުސްތަފާއަށް ވާދަކުރެވޭނީ އާއްމު މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގެން ބަޔާނެއް ޝާއިއުކުރުމަށްޓަކައި އެކަން މިއަދުގެ 2:00ގެ ކުރިން ހުށަހެޅުމުން ކަމަށެވެ. އެގޮތަށް އަމަލުނުކޮށްފި ނަމަ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ފޯމު ބާތިލުކުރާނެ ކަމަށް ބުންޏެވެ.

މުސްތަފާ ވަނީ އެ މުއްދަތުގެ ކުރިން މާފަށް އެދި ބަޔާން ޝާއިއުކުރުމަށް ފޮނުވައިފަ އެވެ. އެހެންވެ އޭނާއަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ފިޔަވަޅު އަޅާ ކޮމެޓީން ބުނީ މުސްތަފާ ދެއްކެވި އުޒުރަކީ ޕާޓީ ބަދަލުކުރުމަށް އޮތް ސަބަބެއްކަމަށް ކޮމެޓީއަށް ބަލައިނުގަނެވޭ ކަމަށެވެ. އަދި އެ ޕާޓީގެ ޓިކެޓުުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުުރުމަށް ފަހު ޕާޓީ ބަދަލުކުރެއްވުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ހިލާފަށް ކުރެއްވި ކަމެއްކަން ފާހަގަކުރެވޭ ކަމަށް ފަސް މެމްބަރުން ހިމެނޭ ކޮމެޓީން ބުންޏެވެ.

މުސްތަފާ ކުރިން ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރު އޭނާ އެމްޑީޕީން ވަކިވެ ޕީޕީއެމަށް ސޮއިކުރެއްވީ އެކަން ނުކޮށްފި ނަމަ ޖުޑިޝަރީ މެދުވެރިކޮށް ގޮނޑި ގެއްލުވާލާނެ ކަމަށް އިންޒާރު ދިނުމުން ކަމަށެވެ.

އޭނާއަށް ޕްރައިމަރީގައި ވާދަނުކުރެވޭނެ ކަމަށް ބުނެ، އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގެ ޝަކުވާ ބަލާ ކޮމެޓީއަށް ވެސް މީގެ ކުރިން ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ބެލުމަށްފަހު ކޮމެޓީން އޭރު ނިންމީ މުސްތަފާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހަނިނުކުރެވޭނެ ކަމަށެވެ. އެކަން އެމްޑީޕީގެ ވެބްސައިޓުގައި އެންގުމަށްފަހު އެ އިއުލާނު ފަހުން ވަނީ ނަގައިފަ އެވެ.