20 އޯގަސްޓް 2016 - 20:13

ގިފްޓް ސާމާނު ވިއްކުމުގައި މަޝްހޫރު ޑިޖާވޫ އިން ދުނިޔޭގެ ނަން ހިނގާ ބްރޭންޑެއް ކަމަށްވާ ސްކެޗާސްގެ ބޫޓާއި ފައިވާން ރާއްޖެއަށް މިއަދު ތައާރަފްކޮށްފި އެވެ.

ގަލޮޅު ދަނޑު ކައިރީގައި އޮންނަ ހީނާ ޕާކިން ޒޯން ކުރިމަތީގައި ހުރި ޑިޖާވޫ ފިހާރައިގައި ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން ސްކެޗާސްގެ އޭޝިޔާގެ ރެޕްރެޒެންޓޭޓިވް ރުޕޭޝް މިޝްޓްރީ ވިދާޅުވީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ހާއްސަކޮށްފައިވާ ބޫޓާއި ފައިވާނަކީ އެ ބޭނުންކުރާ މީހުންނަށް ފަސޭހަކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ އުފެއްދުންތަކެއް ކަމަށެވެ.

އެމެރިކާގެ މި ކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން ކުޑަކުދިންނާއި ބޮޑެތި މީހުންގެ ބޫޓާއި ފައިވާންގެ އެކި ޑިޒައިންތައް މިއަދު ވަނީ ވިއްކަން ފަށައިފަ އެވެ.
ސްކެޗާސް ބްރޭންޑުގެ ބޫޓާއި ފައިވާން މިހާރު ވެސް 150 ގައުމުގައި ވިއްކަ އެވެ. ސްކެޗާސްގެ އާމްދަނީ މިދިއަ އަހަރު އުޅުނީ 3 ބިލިއަން ޑޮލަރުގަ އެވެ.
ޑިޖާވޫގެ މެނޭޖަރު އަބްދުﷲ މުހައްމަދު ވިދާޅުވީ މާކެޓަށް އަންނަ ބަދަލުތަކާ ގުޅިގެން ގިފްޓް ބަޔަށް ވުރެ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްގެ އަންނައުނުގެ އުފެއްދުންތައް ވިއްކަން މިހާރު ނިންމާފައިވާ ކަމަށެވެ.
"އުފަން ދުވަހުގެ ހަދިޔާއަަކަށް ދޭން ވެސް ހުންނާނެ ބްރޭންޑެޑް ބޫޓު ފަދަ އެއްޗެހި. އެ އެއްޗެހި އަބަދުވެސް ބޭނުންކުރެވޭނެ ދެއްތޯ. އެހެންވެ އަޅުގަނޑުމެން އެ ވިސްނުން ބަދަލުކުރީ،" އަބްދުﷲ ވިދާޅުވި އެވެ.
ޑިޖާވޫ އިން ގިފްޓް ވިއްކުމުގެ ވިޔަފާރި ހިންގާތާ މިހާރު 15 އަހަރު ވެއްޖެ އެވެ.
ސްކެޗާސް އިން ކުޅިވަރުގެ އެކި ސާމާނު ވެސް އުފައްދަ އެވެ. އެގޮތުން އެމެރިކާގައި ދެ ވަނަ އަށް އެންމެ ގިނަ އިން ބޭނުންކުރަނީ ސްކެޗާސްގެ ކުޅިވަރު ބޫޓެވެ.
ރާއްޖޭގައި ވިއްކަން ފެށި ސްކެޗާސްގެ ބޫޓާއި ފައިވާނުގެ އަގު އުޅެނީ 700-2300ރ.އާ ދެމެދުގަ އެވެ.