30 ޑިސެމްބަރ 2018 - 15:54

ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް، ކިޔޫ ނުޖެހި ފޯމު ހުށަހެޅޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމަށް އެދެން ދިގު ކިޔޫތަކުގައި ތިބުމަކީ އެތައް ބަޔަކަށް ކުރިމަތިވާ ބޮޑު ތަކުލީފެއް ކަމަށެވެ. އެ މައްސަލަ އަށް ހައްލު ހޯދަން އެ މިނިސްޓްރީން، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީއާ ގުޅިގެން ވެބް ޕޯޓަލްއެއް ފަރުމާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕޯޓަލްގައި ރަޖިސްޓްރީވުމާ އެކު ރާއްޖޭގައި އެ ވަގުތަކު ކުރިއަށްދާ ހައުސިން މަޝްރޫއުތަކަށް ކުރިމަތި ލެވޭނެ އެވެ. ހުޅުވާލާފައިވާ ސްކީމްތަކުގެ ތެރެއިން އެ މީހަކު ޝަރުތުހަމަވާ ސްކީމެއް ވެސް އެ ޕޯޓަލް އިން ފެންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެއީ، ރާއްޖޭގެ އެކި ސަރަހައްދުތަކާއި ރާއްޖެ އިން ބޭރުގައި ތިބެގެން ވެސް ފްލެޓަށް އެދެން ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އެ ބޭފުޅަކު އެ ސްކީމުގައި ބައިވެރިވެފައި އިނދެއްޖިއްޔާ ކިޔޫ ތަރުތީބުން، އެ ހުންނެވި ހިސާބެއް އެނގިވަޑައިގަންނަވާނެ. އެހެންކަމުން ވީހާވެސް ފަސޭހަކަމާ އެކު ބޯހިޔާވަހިކަމަށް އެދެވޭނެ ގޮތެއް ކަނޑައެޅުން ބޭނުމަކީ،" ނާޝިދު ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ އެ ޕޯޓަލްގައި ބޯހިޔާވަހިކަމަށް އެދޭ މީހުންގެ ޒާތީ މައުލޫމާތު ހިމެނޭއިރު، އެ މީހަކު ހުށަހަޅާ މައުލޫމާތަށް ބަލައި ޝަރުތު ހަމަވާ ސްކީމްތައް ވެސް ސާފުވާނެ ކަމަށެވެ.
މީގެއިތުރުން، ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ އަދަދެއް ކައުންސިލްތައް މެދުވެރިކޮށް ހޯދައި، އެންމެންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް ވަނީ ނިންމައިފަ އެވެ. ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަންނާނެ ހަރުދަނާ ނިޒާމެއް މީގެކުރިން އެކުލަވާލައިފައެއް ނުވެ އެވެ.