އެފްއޭއެމް ޓީމު ބަލިކުރަން އިމްރާނުގެ ޓީމު ކެތްމަދުވެފައި!
އެފްއޭއެމް ޓީމު ބަލިކުރަން އިމްރާނުގެ ޓީމު ކެތްމަދުވެފައި!

އޭނާގެ ޝަރަފުގައި މިރޭ ގަލޮޅު ދަނޑުގައި ކުޅޭ ހާއްސަ ފުޓްބޯޅަ މެޗަކީ އެކުވެރިކަމުގެ މެޗަކަށްވީ ނަމަވެސް އޭނާގެ ޓީމުގައި ހިމެނޭ ރާއްޖޭގެ ކުރީގެ ފުޓްބޯޅައިގެ ތަރިން ނުކުންނާނީ ވާދައިގެ ރޫހުގައި ކަމަށާއި އުއްމީދަކީ ވީހާ ވެސް ގިނަ ބަޔަކު ކުޅި ބަލަން ދަނޑަށް ވަދެ ފޯރި ނެގުން ކަމަށް ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން އެފްއޭއެމް އާއި މޯލްޑިވްސްފުޓްބޯލް ވެބްސައިޓުން ރާވާ މި މެޗުގައި ވާދަކުރާ އިމްރާނުގެ ޓީމުގައި އޭނާ އާއި އަލީ އަޝްފާގް (ދަގަނޑޭ) ފިޔަވައި ދެން ތިބީ ހުސް ކުރީގެ ކުޅުންތެރިންނެވެ. އެފްއޭއެމް ޓީމުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޕީޓާ ޝުމައިކަލް އާއި ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއި ރާއްޖޭގެ ކުރީގެ ކުޅުންތެރިން ހިމެނުނަސް މިހާރުގެ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ހިމެނެ އެވެ.

"އެފްއޭއެމް ޓީމު ވަރަށް ވަރުގަދަ. އެކަމަކު ދަނޑަށް ނުކުންނާނީ 11 ކުޅުންތެރިން. (މިހާރުގެ) ގައުމީ ޓީމު އެފްއޭއެމް ޓީމުގައި އޮތަސް އަޅުގަނޑުމެން ޓީމުގައި މިތިބީ ވެސް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން. އެހެންވީމާ މޮޅުވެވޭނެ. އަޅުގަނޑުމެން ޓީމު އޮތީ ތައްޔާރުވެފައި،" އިމްރާން ބުންޏެވެ.

އޭނާ ބުނީ މެޗާ ގުޅޭ ތައްޔާރީތައް ކުރިއަށްދަނީ ވަރަށް ފޯރިގަދަ ކަމަށާއި ޕްރެކްޓިސްތަކުގައި ވެސް ހަނދާނަށް އަންނަނީ ކުރީގެ ފޯރިގަދަ ދުވަސްތައް ކަމަށެވެ. އެގޮތުން ކުރިން އޭނާއާ އެއްކޮށް ކުޅުނު ކުޅުންތެރިންނާ އެކު އަލުން ދަނޑަށް ނުކުމެލެވުމުން ތަފާތު އިހުސާސެއް ކުރެވޭ ކަމަށް އިމްރާން ބުންޏެވެ.

"އެހެންވެ އަޅުގަނޑު އެދެން ހުރިހާ ސަޕޯޓަރުންނަށް ވެސް މިރޭ ދަނޑަށް އައިސް މިކަމުގައި ބައިވެރިވާން،" އިމްރާން ބުންޏެވެ.

މިރޭގެ މެޗަށް އިމްރާނުގެ އުފަން ރަށް އދ. މަހިބަދޫން ވެސް މީހުން އަންނަން އޭނާގެ އާއިލާ އިން ވަނީ ހާއްސަ ދަތުރެއް ރާއްވައިފަ އެވެ. އަދި އިމްރާނުގެ ކެރިއަރުގެ ކުރީކޮޅު ހޭދަކުރި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ސަޕޯޓަރުން ތިބޭ ދަނޑުގެ ސަހަރާވީ ފަޅީގައި ހާއްސަ ހަރަކާތްތަކެއް އަންނަނީ ރާވަމުންނެވެ.

"އަޅުގަނޑަކީ އަބަދުވެސް ސަޕޯޓަރުންނާ ގާތްގުޅުމެއް ބާއްވާ މީހެއް. އެއިރެއްގައި ކުޅޭ ޓީމުގެ ސަޕޯޓަރުންނާއި އިދިކޮޅު ޓީމުގެ ސަޕޯޓަރުންނާ ވެސް ގުޅުން އޮންނާނެ. އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް މިރޭ އެ ހުރިހާ ސަޕޯޓަރުން ވެސް ދަނޑަށް އައުމަކީ. ވަރަށް އުފާވާނެ،" އިމްރާން ބުންޏެވެ.

އިމްރާނުގެ ޓީމުގެ ކޯޗަކީ އޭނާ އަށް 2000 ވަނަ އަހަރު ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ދިން ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ. އިމްރާން ބުނީ ގައުމީ ޓީމަށް އަލްވަދާއު ކިޔާއިރު އޭނާ ބޭނުންވީ ގައުމީ ޓީމުގެ ދަތުރު ފަށައިދިން ކޯޗަށް ފުރުސަތު ދޭން ކަމަށާއި އެގޮތުން ބަލާއިރު ސްޓޮއިކޯފަކީ އެކަމަށް އެންމެ އައުލާކަން ބޮޑު ކޯޗު ކަމަށެވެ.

އިމްރާންގެ ޓީމުގައި އަލީ އަޝްފާގް (ދަގަނޑޭ) ގެ އިތުރުން ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ އަލީ އުމަރާއި އަލީ ޝިހާމާއި އައްސަދު އަބްދުލްގަނީ އާއި އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި ޝާހު އިސްމާއިލް (ސާޔާ) އަދި ތޮއްޑޫ މުހައްމަދު ނިޒާމް ފަދަ ކުޅުންތެރިން ހިމެނެ އެވެ. މީގެ އިތުރުން އިމްރާނުގެ ކުރިން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އިސްހާގު އީސާ އާއި އަސްލަމް އަބްދުއްރަހީމާއި ކުރީގެ ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ އަހުމަދު ޝާހިދު (ސާބެ) އާއި އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) އަދި ކުރީގެ ޑިފެންޑަރު އަލީ ޝާހީން ވެސް މިރޭ ކުޅޭނެ އެވެ.

އެފްއޭއެމް ޓީމުގައި ޝުމައިކަލް އާއި ސަލްގާޑޯގެ އިތުރުން ރާއްޖޭގެ ކުރީގެ ހުނަރުވެރިން ކަމަށްވާ އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ވިލްދާން ފަދަ ތަރިން ކުޅޭނެ އެވެ. އަދި މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިން ކުޅޭނެ އެވެ.

މި މެޗުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. ކުރީގެ ސިޑިބަރިން 50ރ. އަށް ޓިކެޓެއް ވިއްކާއިރު ގޮނޑިބަރިން ވިއްކާނީ 100ރ. އަށެވެ. ޓިކެޓް ފައިސާ އިން ބަޔެއް ހަދިޔާކުރަން ހަމަޖައްސާފައިވަނީ އިމްރާން އިހުތިޔާރުކުރި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.