30 ޑިސެމްބަރ 2018 - 11:38

ލަންޑަން (ޑިސެމްބަރު 30) – ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އެ ކްލަބް ދޫކޮށްލާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ފެބްރިގާސް އަށް މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އެންމެ މެޗެއްގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވީ ހަތަރު މެޗުގަ އެވެ. އެހެންވެ އޭނާ ބޭނުންވަނީ ކުޅެން ފުރުސަތު ލިބޭ ޓީމަކަށް ބަދަލުވާށެވެ.
އުމުރުން 31 އަހަރުގެ ފެބްރިގާސް ގެންދަން މަސައްކަތްކުރާ ކްލަބްތަކުގެ ތެރޭގައި އިޓަލީގެ އޭސީ މިލާނާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަދި ވެލެންސިއާ ހިމެނެ އެވެ. މީގެ ތެރެއިން މިލާނުން ޗެލްސީއާ އެކު މަޝްވަރާތައް ވެސް ބާއްވާފައިވާ ކަމަށްވެ އެވެ. އޭނާ ގެންދަން ޗައިނާ ކްލަބަކުން ވެސް އޮފާކުރި ކަމަށާއި އެކަމަކު އެ ފުރުސަތު ދޫކޮށްލާފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ.
ބާސެލޯނާގެ ޔޫތު ޓީމުގެ އުފެއްދުމެއް ކަމަށްވާ ފެބްރިގާސް ވިދާލީ އާސެނަލްގަ އެވެ. އޭގެ ފަހުން ބާސެލޯނާ އަށް ވެސް ކުޅުނު ފެބްރިގާސް އެނބުރި އިނގިރޭސި ލީގަށް އައީ 2014 ވަނަ އަހަރު ޗެލްސީއަށް ސޮއިކުރުމަށް ފަހު އެވެ.
ފެބްރިގާސް ވަނީ ކްލަބް ލެވެލްގައި އަދި ސްޕެއިން ގައުމީ ޓީމާ އެކު ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އޭނާގެ ކުޅުމުގެ ސްޓައިލުގެ އިތުރުން ވިނިން މެންޓާލިޓީ އާއި ތަޖުރިބާ އެއީ ކްލަބްތަކަށް ވަރަށް ބޭނުން ހިފޭނެ އެއްޗެކެވެ.