30 ޑިސެމްބަރ 2018 - 11:02

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް، ކުރިން ވެސް އެ މަގާމު ފުރުއްވި ސުހެއިލް އަހުމަދު ޕްރައިވެޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އައްޔަން ކޮށްފި އެވެ.
ސުހައިލް އަކީ ހުޅުމާލެ ތަރައްގީ ކުރަން ފެށި ދުވަސްވަރުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރާ ހަމަ އަށް އެޗްޑީސީގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ 2015 ގައި އެޗްޑީސީން ވަކިވެވަޑައިގަތުމާ ހަމައަށް ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
އިމާރާތް ކުރުމުގެ ދާއިރާގައި ތަޖުރިބާ ހޯއްދަވައި އަދި ހުޅުމާލެ ޕްލޭން ކުރުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ސުހައިލް ވަނީ ސަރުކާރުގައި 30 އަހަރު ހޭދަކުރައްވައިފަ އެވެ.
އެޗްޑީސީގެ އެމްޑީ އަކަށް ސުހައިލް އަލުން އައްޔަން ކުރެއްވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޗްޑީސީގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފަ އެވެ.
އެގޮތުން ރިޔާސީ ކެމްޕެއިންގެ ދުވަސްވަރާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން އެޗްޑީސީ އަށް ވެއްދުމުގެ އިތުރުން ކެމްޕެއިންގެ ހަރަކާތްތަކުގެ ކޭޓަރިން އަށް އެ ކުންފުނީގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
އެޗްޑީސީއާ ގުޅޭ ޚާއްސަ އޮޑިޓެއް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ފަށައިފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ވެސް އަންނަނީ އެޗްޑީސީއާ ގުޅޭ މައްސަލަތަކެއް ބަލަމުންނެވެ.