ހަކުރު އެޅި ބުއިންތަކުން ކިޑްނީ އަށް ނުރައްކާ
ހަކުރު އެޅި ބުއިންތަކުން ކިޑްނީ އަށް ނުރައްކާ

ގިނައިން ހަކުރު އަޅައިގެން ހަދާފައި ހުންނަ ސޮޑާ އާއި އެކި ފާޑުގެ ޖޫސް ފަދަ ތަކެތި ގިނައިން ބޯ މީހުންނަށް ކިޑްނީގެ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ އިތުރުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އެމެރިކާގައި، ކަޅު ނަސްލުގެ 3،000 އަންހެނުންނާއި ފިރިހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ސޮޑާ އާއި ގިނައިން ހަކުރު އެޅި އެކި ވައްތަރުގެ މޭވާ ޖޫސް މާގިނައިން ބުއި މީހުންނަށް ކިޑްނީގެ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ 61 ޕަސެންޓަށް އިތުރުވެފައިވެ އެވެ.

މި ދިރާސާގައި ހާއްސަކޮށް ބަލާފައިވަނީ ލުއި ބުއިންތަކުގެ ސަބަބުން ކިޑްނީ އަށް ކުރާ އަސަރެވެ. އެގޮތުން 2000 އިން 2004 ވަނަ އަހަރާ ހަމަޔަށް އެއްކުރި މައުލޫމާތަށް ފަހު، އެ މައުލޫމާތު ދިން މީހުންގެ ސިއްހީ ހާލަތު 2009 އިން 2013 އަށް ވަޒަންކުރި އެވެ.

"އާންމުކޮށް ލިބެން ހުންނަ ލުއި ބުއިންތަކުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތަފްސީލް މައުލޫމާތު އާންމުކޮށް ލިބެން ނުހުންނަކަން ފާހަގަވޭ،" ދިރާސާގައި އިސްކޮށް ހުންނެވި ކޭސީ ރެބޮލްޒް ވިދާޅުވި އެވެ. އޭނާ އަކީ ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެޕިޑޮމިއޮލޮޖިސްޓެކެވެ.

އޭނާ ވިދާޅުވީ ވަކިން ހާއްސަކޮށް، އެކި ބުއިންތަކާއި ކާނާއިން ކިޑްނީ އަށް ކުރާނެ އަސަރު ބަޔާންކޮށްދީފައި ނުހުންނަ ކަމަށެވެ.

މި ދިރާސާގައި، ގިނައިން ހަކުރު ހުންނަ ބުއިންތަކުން ކިޑްނީ އަށް ނުރައްކާވާ ކަމަށް ދެއްކި ކަމުގައި ވިޔަސް އެއީ ކީއްވެގެން ކަމެއް ބަލައިފައެއް ނުވެ އެވެ. ހަމައެކަނި ދެނެގަނެވިފައި ވަނީ ކިޑްނީ އަށް ގެއްލުންވުމާ ހަކުރު އެޅި ބުއިންތައް ބޭނުންކުރުމާ ގުޅުން ހުރިކަމެވެ.

މި ދިރާސާ ކްލިނިކަލް ޖާނަލް އޮފް ދަ އެމެރިކަން ސޮސައިޓީ އޮފް ނެފްރޮލޮޖީގެ، މި މަހުގެ 27 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.