30 ޑިސެމްބަރ 2018 - 11:51

މި އަހަރުގެ ވޯލްޑް ކަޕަށް ފަހު އޮސްޓްރޭލިއާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުމުގެ އުނދަގޫ ނިންމުމަށް ފަހު ކޭހިލް ޗުއްޓީ ހޭދަކޮށްލުމަށް އައީ ބ. އަތޮޅުގައި އޮންނަ އަމިއްލަފުށި ރިޒޯޓަށެވެ. އަދި އުފެދުނު ގާތްގުޅުމެއްގެ ސަބަބުން އޭނާ ވަނީ އެ ރަށުގައި ފުޓްބޯޅަ ކޯޗިން ކޭމްޕެއް މި ހަފުތާގައި ބާއްވައިފަ އެވެ. އެ ކޭމްޕް އަމިއްލަފުށީގެ މެނޭޖްމަންޓަށް ވެސް ކަމުދިޔައިރު ކޭހިލް އަށް ވެސް އެކަންވީ ތަޖުރިބާތަކެއް ކުރެވުނު ހަރަކަތާކަށެވެ.

"އަހަރެމެން އެ ހިސާބުން ނިންމީ ރަސްމީކޮށް ކޭހިލްއާ އެކު މި ކަންތައް ކުރިއަށްގެންދަން. އެއީ އޭނާ ވެސް ވަރަށް ބޭނުންވި އަމިއްލަ އެކެޑަމީގެ މަސައްކަތް މިތަނުގައި ކުރިއަށްގެންދަން. އަހަރެމެން އެކުގައި މި މަސައްކަތަށް ނުކުންނަން ނިންމީ އެ ސަބަބާ ހުރެ،" އަމިއްލަފުށީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ބްރިންޑާ ހޯރާ "މިހާރަ"ށް ބުންޏެވެ.
އަމިއްލަފުށިން ވަނީ މި އަހަރުގެ ކުރީކޮޅުގައި އޮސްޓްރޭލިއާގެ ފުޓްބޯލްޓެކް އެކެޑަމީއާ އެކު ފުޓްބޯޅައިގެ ޕްރޮގްރާމެއް ހިންގައިފަ އެވެ. އަދި އޭރު އަމިއްލަފުށިން ވަނީ ފުޓްބޯޅައިގެ ދުރު ރާސްތާ މަސައްކަތްތަކެއް ރާއްޖޭގައި ކުރުމުގެ ވިސްނުން އެބަހުރި ކަމަށް ބުނެފަ އެވެ. އޭގެ މަސައްކަތް މި ފެށުނީ ކޭހިލްގެ ފޯ ސެވަންޓީން އެކެޑަމީއާ އެކު އެވެ.
އެންމެ ފުރަތަމަ އަމިއްލަފުށިން އޭޕްރީލް މަހު ބޭއްވި ޓްރެއިނިން ކޭމްޕްގައި ރާއްޖޭން ފުރުސަތު ދިނީ ބ. އަތޮޅު ތައުލީމީ މަރުކަޒު ކުދިންނަށެވެ. ބައިވެރިވީ ފުޓްބޯޅައިގެ މަގުބޫލު ރަށެއްކަމަށްވާ ބ. އޭދަފުށީ ކުދިންނެވެ. މި ފަހަރު އެ ފުރުސަތުދިނީ ބ. ދަރަވަންދޫ ކުދިންނަށެވެ. ރާއްޖޭގެ ކުދިންގެ އިތުރުން އަމިއްލަފުށިން ދެން ފުރުސަތު ދެނީ އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓަށް އަންނަ ފަތުރުވެރިންގެ ކުދިންނަށެވެ.
ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ކޭހިލްގެ ޓީމު އަމިއްލަފުށީގައި ހިންގި ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕް އިއްޔެ ނިމުނުއިރު، ދުވާލަކު 2 ގަޑިއިރާއި ބައި ތަމްރީންދެ އެވެ. މި ޓްރެއިނިން ކޭމްޕްގައި ޖުމްލަ އެއްކޮށް 40 ކުދިން ބައިވެރިވި އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަކީ ދަރަވަންދޫ ކުދިންނެވެ. ޓްރެއިނިންގައި ގިނަ ކަންތައްތަކެއް ދަސްކޮށްދޭއިރު، ކޭހިލްގެ އެހީތެރިއަކަށް އެންމެ އިސްކޮށް އެ މަސައްކަތުގައި ހުންނަނީ އިނގިރޭސި ފުޓްބޯޅަ އަށް 25 އަހަރު ހިދުމަތްކޮށްދިން އެކެޑަމީ ކޯޗު ރޮބީ އެންޑަސަން އެވެ.
ޕްރިމިއާ ލީގުގެ އެވަޓަން އަށް ކުޅުނު ކޭހިލްގެ އެކެޑަމީ މަސައްކަތް ފެށީ މީގެ ހަތް އަހަރު ކުރިންނެވެ. ކޭހިލްގެ އެކެޑަމީން ވަނީ ކެނަޑާ، ޗައިނާ، ތައިލެންޑް އަދި އިންޑިއާގައި ވެސް މި ފަދަ ކޭމްޕްތައް ބާއްވައިފަ އެވެ. ރާއްޖޭގައި މި ފެށި ކޭމްޕްގެ މަސައްކަތް މަހުން މަހަށް ބަހާލައިގެން ކުރިއަށްގެންދާނެ ގޮތެއް ވަނީ ރާވައިފަ އެވެ. އެ ގޮތުން ކޭހިލްގެ ޓީމު މެދުވެރިވެގެން ރާއްޖޭގެ ކޯޗެއް ކަމަށްވާ އަހުމަދު ޝަރީފް (ޑުންގާ) ވަނީ އެ އެކަޑަމީގެ މަސައްކަތްތަކަށް ހާނުވާ ތަމްރީންކޮށްދީފަ އެވެ. އެއީ ކޭހިލްގެ ޓީމު ނެތި މި ކޭމްޕް ކުރިއަށްގެންދިއުމަށް ބޭނުންވާ ކަންތައްތައް ޑުންގާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމަށެވެ. ޑުންގާ، ޝެޑިއުލަކަށް ބާހަލައިގެން ކޭމްޕް ގެންދާއިރު، ކުރިއަށްދާ ގޮތް ބެލުމަށާއި ބައިވެރިވުމަށް ކޭހިލްގެ ޓީމު އަންނާނެ އެވެ.
"ޕްރޮފެޝަނަލްކޮށް ކުޅުންތެރިން ޓްރެއިން ކުރުމަކީ އަހަރެން ވަރަށް ކުރާހިތުން ކުރާކަމެއް. އަމިއްލަފުށީގައި ހިތްގައިމު ދަނޑެއް އޮތީމަ އަހަރެން ބޭނުންވީ އަހަރެން މެދުވެރިއަކަށް ވެގެންވިޔަސް މި ދަނޑުގެ ބޭނުން ހެޔޮގޮތުގައިކޮށްގެން. ގިނަ ކުދިންތަކަކަށް ފުޓްބޯޅައިގައި އެ ކުދިން ހާސިލްކުރަން ބޭނުންވާ ހުވަފެން މަރުވިޔަ ނުދީ ކުރިއަށްދާން. އެއީ މި ވިސްނުމުގެ ފެށުމަކީ،" މިހާރު އިންޑިއާގެ ސުޕަ ލީގުގެ ޖަމްޝޭދުޕޫރަށް ކުޅެމުން އަންނަ އުމުރުން 39 އަހަރުގެ ކޭހިލް ބުންޏެވެ.
އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ މިލްވޯލް އިން ފާހަގަވި ކޭހިލް ޕްރިމިއާ ލީގުގައި ވިދާލީ އެވަޓަންގެ ނޫ ޖޯޒީގަ އެވެ. އަށް އަހަރު އޭނާ ވަނީ އެވަޓަން އަށް ކުޅެދީފަ އެވެ. އޭގެ ފަހުން އޭނާ ފެނުނީ އެމެރިކާގެ ނިއުޔޯކް ރެޑްބުލްސް، ޗައިނާގެ ޝަންހާއި ޝެންހުއާ އާއި ހަންޒޫ ގްރީންޓައުންގެ އިތުރުން އޮސްޓްރޭލިއާގެ މެލްބަން ސިޓީންނެވެ. މިހާރު ކުޅެމުން އަންނަ ޖަމްޝޭދުޕުރަށް ބަދަލުވުމުގެ ކުރިން ކޭހިލް ވަނީ އޭނާގެ ފުރަތަމަ ކްލަބް މިލްވޯލްގައި ދުވަސްތަކެއް ހޭދަކޮށްފަ އެވެ.
"އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި ތަފާތު ގިނަ ތަޖުރިބާތަކެއް ކޮށްފިން. ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ. ރާއްޖޭން ވެސް މިވީ ހަތަރު ދުވަސްތެރޭގައި ހުނަރުވެރި ކުދިން ފެނިއްޖެ. ހުނަރަކީ އުނގަންނައިދީގެން ތަރައްގީ ކުރެވޭ އެއްޗެއް. ބޭނުންވަނީ މި ފަދަ ޕްރޮގްރާމްތައް ގިނައިން ގެންދިއުން. ފުޓްބޯޅައިގައި ވެސް ދަސްކުރުން ހުއްޓާލައިގެން ނުވާނެ،" ކޭހިލް ބުންޏެވެ.
"ހަމައެކަނި ރާއްޖޭގެ ރީތި ބީޗްތަކުން އުފާ ލިބިގަތުމަށް ވުރެ އަހަރެން އަދި މާ އުފާވޭ މި ގޮތަށް މި ކުދިންނަށް އަހަރެންގެ ތަޖުރިބާގެ އަލީގައި ދަސްވެފައި ހުރި އެއްޗެއް ބުނެދިނުމަށް. އެއީ މި ކުދިންގެ ވެސް ފުޓްބޯޅައިގައި ދެކެން ބޭނުންވާ ދުވަސްތަކެއް ހުންނާނެ."
އަމިއްލަފުށިން މި ފަހަރުގެ ޓްރެއިން ކޭމްޕް ހާއްސަކުރީ ދެ ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ 5 އަހަރުން ފެށިގެން 8 އަހަރާ ދެމެދުގެ އުމުރުފުރާޔާއި 9 އަަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ. އަމިއްލަފުށިން ބުނީ ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދާ އެހެން ޓްރެއިނިން ކޭމްޕްތަކުގައި އެހެން ރަށްތަކުގެ ކުދިންނަށް ވެސް ފުރުސަތުދޭނެ ކަމަށެވެ.