30 ޑިސެމްބަރ 2018 - 01:02

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެނަމަ ޝަރުއީ ނިޒާމް އިސްލާހެއް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބުގައި ކެނޑިނޭޅި ދެއްކި ވާހަކައަކީ އިންސާފު ބޭނުންވާ ވާހަކަ އާއި ޝަރުއީ ނިޒާމު އިސްހާލު ކުރަން ޖެހިފައިވާ ވާހަކަ ކަމަށެވެ. އެހެންވެ އެކަން ބަދަލުކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ދުރޫސާ އަހުލާގު އިސްލާހުކުރަން ޖެހިފައިވާ ވާހަކަ. ފައިސާގެ ނުފޫޒު ޝަރީއަތްތަކަށް ވަދެގެން ނުވާނެ ކަމުގެ ހަރު ބަސް. އަޅުގަނޑުމެންނަށް މީގެއިން އެއްވެސް މަސައްކަތެއް ކުރެވެން އޮތީ ހަގީގަތުގައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްގެން. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ނުލިބޭނަމަ އިންސާފެއް، ޝަރުއީ ނިޒާމެއް އިސްލާހެއް ނުކުރެވޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވި އެވެ.
"އެ ނިޒާމު އިސްލާހު ކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުން، އެ ނިޒާމު އިސްލާހުކުރަން އެދޭނަމަ ދެން ރައްޔިތުން ކުރަން އޮތް ކަންތައް ވަރަށް ސާފު. އެއީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދިނުން،"
އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދިގެން ނޫނިއްޔާ އަންނަން އޮތް ޖީލަށް ސަލާމަތްކަން ހޯދިދާނެ ކަމަށް ބަލާ ހޯދާ އެއްވެސް މީހަކު ނުދެކޭނެ ކަމަށެވެ. އެހެންވެ ދެން އޮންނަ މަޖިލީސް ވެގެން ދާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމުގައި ގާނޫނީ ބާރުވެރިކަން ހޯދައިދޭ މަޖިލީހަކަށް ކަން ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުންނަށާއި ގައުމަށް އިހްލާސްތެރިވާނެ ކަމަށާއި ރައްޔިތުން އުއްމީދުކުރާ މަޖިލީހަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ ލީޑަރުން އެންމެ ބޮޑަށް ދަރާފައިވަނީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގަ އެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ވެރިންނަށް އޮތް ވާޖިބެއް ކަމަށް ވިދާޅުވި އެވެ.
"...ރާއްޖޭގެ ސިޔާސީ ލީޑަރުން، އެމީހުންގެ ރައްޔިތުންނަށް ދަރާފައިވާ އެންމެ ބޮޑު ދަރަންޏަކީ ބޯހިޔާވަހިކަމުގެ ދަރަނި. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ނިކުމެ އަބަދު ވެސް މި ތިބެނީ ތިޔަބޭފުޅުންނަށް އެ ދަރަނި އަދާކޮށްދިނުމުގެ މަސައްކަތުގައި،" ނަޝީދު ވިދާޅުވި އެވެ.
މާލޭގެ ގެދޮރު ބަހަމުން ފޮތިކުރަމުން މިހާރު އެވަނީ އިތުރަށް ބެހޭނެ ވަރަށް ވުރެ ހަނިވެ ކުޑަވެފައި ކަމަށާއި ރާއްޖެއަށް ލިބިފައިވާ ތަނަވަސްކަމާއި ގުދުރަތީ ވަސީލަތްތަކަކީ ދިވެހީންނަށް މިއަށްވުރެ މާ ރަނގަޅު މިންވަރެއް ހައްގު ވަސީލަތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމެއް ލިބެންޖެހޭ. އެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މިއަދުގެ ދިވެހި ރާއްޖެއަށް، މިއަދުގެ ދިވެހި ދައުލަތަށް ފަސޭހައިން ކޮށްދެވޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.