ފުވައްމުލަކު ފްލެޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ފުވައްމުލަކު ފްލެޓްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި ހަދާ ފްލެޓްތަކަށް ކުރިމަތިލާން ދިން މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފި އެވެ.

ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

ކުރިން ހުޅުވާލި މުއްދަތު މި މަހުގެ 18 އަށް ވަނީ ހަމަވެފަ އެވެ. ފުރުސަތު ހުޅުވާލީ ޖޫން މަހުގެ 5 ވަނަ ދުވަހު އެވެ.

ހައުސިން މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ ގިނަ ބަޔަކު ފޯމް ނެގި ނަމަވެސް މުއްދަތު ހަމަވި އިރު، ފޯމް ހުށަހަޅާފައި ނުވާތީ އިތުރަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން ބުނި ގޮތުގައި ފްލެޓްތަކަށް ހުޅުވާލުމުން 1،000 އަށް ވުރެ ގިނަ ފޯމް ނަގާފައިވެ އެވެ.

ފުވައްމުލަކުގައި 200 ފްލެޓް އަންނަނީ އިމާރާތް ކުރަމުންނެވެ. މީގެ ތެރެއިން 150 ޔުނިޓް ހާއްސަކޮށްފައި ވަނީ އެ ރަށު ރައްޔިތުންނަށެވެ. އަދި 20 ފްލެޓް ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އިރު ބާކީ ހުރި ފްލެޓްތައް ރިއަލް ސްޓޭޓް އުސޫލުން ވިއްކަން ވަނީ ނިންމައިފަ އެވެ.

ފުވައްމުލަކުގައި ހަދާ ފްލެޓް ލިބޭ ފަރާތްތަކާ އެ ތަންތަން މި އަހަރު ނިމުމުގެ ކުރިން ހަވާލުކުރަން ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.