29 ޑިސެމްބަރ 2018 - 16:54

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ހިންގާ މަޝްރޫއުގައި، އާ އިންޓަނޭޝަނަލް ޓާމިނަލް ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރު ނިމޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެއާޕޯޓްގައި ކުރިއަށްދާ މަސައްކަތްތައް ނޫސްވެރިންނަށް ދައްކައިލުމަށް ފަހު، އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑައިރެކްޓަރު މޫސާ ސޯލިހް ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް ލަސްވީ ފައިސާ ހަމަޖެހުމުގައި ދަތިތަކެއް ކުރިމަތިވެގެން ކަމަށެވެ. އެކަމަކު މަސައްކަތް ކުރިއަށް ގެންދެވޭވަރަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި ޓާމިނަލްގެ މަސައްކަތް 2022 ގައި ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް ޓާމިނަލްގެ އެންމެ ބޮޑު ލަސްވުމެއް ކަމަށް މިވީ މީގެ ފައިނޭންސްގެ ކަންތައް. މިއީ ހަތަރު ޕާޓީއަކުން ފައިނޭންސް ކުރަން އެއްބަސްވެފައި އޮތް ޕްރޮޖެކްޓަކަށް ވެފައި، ހަތަރު ޕާޓީގެ މެދުގައި ދާންވީމާގެ އޭގެ ފައިނޭންސްގައި ދިމާވި ކުދި ކުދި ކަންތައްތަކެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ޓާމިނަލްގެ މަސައްކަތް ފަށާފައިވާއިރު ޝެޑިއުލް ކޮށްފައި އޮތް ގޮތަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ އެވެ. އަދި ވިދާޅުވީ މަސައްކަތް ނުހިއްޓި ކުރިއަށް ދާ ވަރަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި ލަސްވިޔަސް މަސައްކަތުގެ އަގަށް ބަދަލެއް ނާންނަ ކަމަށެވެ.
ގާތްގަނޑަކަށް، ހަތް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރަށް ތަރައްގީ ކުރާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް 350 މިލިއަން ޑޮލަރަށް ހަވާލުކުރީ ސައޫދީ ބިންލާދީން ގްރޫޕަށެވެ. އެއީ ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި މިފަދަ މަސައްކަތްތައް ކުރާ ކުންފުންޏެވެ.
އާ ޓާމިނަލްގެ މަސައްކަތް ކުރިން ނިންމަން އޮތީ އެއާޕޯޓްގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް އަންނަ އަހަރެވެ.
އިންޓަނޭޝަނަލް ޓާމިނަލްގައި މިހާރު ކުރިއަށްދަނީ ޕައިލް ޖެހުމުގެ މަސައްކަތެވެ. އެ މަސައްކަތް ނިމުމުން އޮންނާނީ ކުރިން ތައްޔާރުކޮށްފައިވާ ބައިތަކެއް ގެނެސް ރާވައިލުމެވެ.
އަންނަ އަހަރު ނިންމާލެވޭނެ ކަމަށް ލަފާކުރާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރަކާއި ފަޔާ ފައިޓިން ޔުނިޓަކާ އެކު ގާއިމްކުރާ އާ ފިއުލް ފާމާއި އާ އޭޕްރަން ހިމެނެ އެވެ.
އާ ފިއުލް ފާމް ގައި ތިން ޓޭންކް ހުންނަ އިރު އެތަން ނިމުުުމުން 60،000 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ އެވެ. އޭރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވެގެން ދާނީ މި ސަރަހައްދުގައި ވެސް އެންމެ ގިނައިން ތެޔޮ ރައްކާކުރާ ތަނަށެވެ. އެހެން ގައުމުތަކުގައި މިހާ ގިނަ ތެޔޮ އެއާޕޯޓްތަކުގައި ރައްކާ ނުކުރަނީ އެ އެއާޕޯޓްތަކަށް ޕައިޕް ލައިންތައް އަޅާފައި ހުންނާތީ އެވެ. އާ ފިއުލް ފާމް އިން އެއާޕޯޓްގެ އެކި ސަރަހައްދު ތަކަށް ބިމު އަޑިން ހޮޅިތައް އަޅާނެ އެވެ. އެހެންވެ މަތިންދާބޯޓްތަކަށް ތެޔޮ އަޅަން މިހާރަށް ވުރެ ބޮޑު ތަނުން ފަސޭހަ ވެގެން ދާނެ އެވެ.
އާ ޓާމިނަލް ނުނިމެނީސް އާ ރަންވޭ ބޭނުން ކުރަން ފެށިދާނެތޯ ދެންނެވުމުން ސޯލިހް ވިދާޅުވީ ޓާމިނަލް ނުނިމުނަސް ރަންވޭ ބޭނުން ކުރަން ފެށޭނެ ކަަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މާޗްހާ ތަނުގައި ރަންވޭގެ ބައެއް ބޭނުންކުރަން ފެށޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ، " އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ހިންގަމުންދާ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ މަޝްރޫ ފެށީ ރައީސް އަބުުދުﷲ ޔާމީނުގެ ސަރުކާރުންނެވެ. ސަރުކާރު ބަދަލުވިޔަސް އެ މަޝްރޫއަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.