30 ޑިސެމްބަރ 2018 - 08:24

ކެޓްރީނާ ކައިފާއި ވަރުން ދަވަން އެކީގައި ކުޅެން ސޮއިކުރި ފުރަތަމަ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަނިކޮށް، ކެޓްރީނާ ކުއްލި ގޮތަކަށް އެ ފިލްމު ދޫކޮށްލައިފި އެވެ.
ރެމޯ ޑި ސޫޒާ ޑައިރެކްޓްކުރާ، އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ ޑާންސް ފިލްމު ޕްރޮޑިއުސް ކުރާ ޓީ ސީރީޒްގެ ޕްރޮޑިއުސަރު ބުޝަން ކުމާރު އެކަން ކަށަވަރުކޮށް ދިން ނަމަވެސް ކެޓްރީނާ ފިލްމުން ވަކިވި ސީދާ ސަބަބެއް ހާމައެއް ނުކުރެ އެވެ.
"އަހަރެމެންނާ ވާހަކަ ދައްކާފައި ކެޓްރީނާ ފިލްމުން ވަކިވީ. އަހަރެމެން ވަރަށް ބޭނުންވި މި ފިލްމު ކެޓްރީނާ ހިމަނައިގެން ހަދަން. ނަމަވެސް ކުރިން ރޭވި ގޮތަށް ވުރެ ފިލްމުގެ މަސައްކަތް ވެސް ވަނީ ނުފެށި ލަސްވެގެން ގޮސްފައި،" އޭނާ ބުންޏެވެ.
ބުޝަން ބުނީ ފިލްމުން ކެޓްރީނާ ވަކިވުމާ ގުޅިގެން ފިލްމުގެ ބަތަލާގެ ރޯލަށް ދެން ގެންނާނެ އޭ ލިސްޓް ތިން ތަރިއެއް މިހާރު ޝޯޓްލިސްޓްކޮށްފައިވާ ކަމަށެވެ.
"އެހެންވީމާ މާ ލަސްތަކެއް ނުވެ ފިލްމުގެ ކާސްޓުން އަހަރެމެން އިއުލާން ކުރާނަން. ކެޓްރީނާ ފިލްމުން ވަކިވިޔަސް މި ޕްރޮޖެކްޓްގައި ވަރުން ބައިވެރި ވާނެ." އޭނާ ބުންޏެވެ. "މިހާރު ތާވަލުކޮށްފައިވާ ގޮތުން ފިލްމުގެ ޝޫޓިން އަންނަ މަހުގެ ބާވީސް ހިސާބުގައި ފެށޭނެ."
ބުޝަންގެ މި ފިލްމުން ކެޓްރިނާ ވަކިވި އިރު އޭނާ މިހާރު ވެސް އަންނަނީ ބުޝަން ޕްރޮޑިއުސްކުރާ ފިލްމެއްގެ މަަސައްކަތް ކުރަމުންނެވެ. އެއީ ސަލްމާން ހާނާ އެކު ކުޅޭ އަލީ އައްބާސް ޒަފަރުގެ "ބާރަތު" އެވެ. މި ފިލްމަށް ކެޓްރީނާ ސޮއި ކުރީ، ފިލްމަށް ކުރިން ނެގި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ކުއްލި ގޮތަކަށް ފިލްމު ދޫކޮށްލުމުންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކެޓްރީނާ ވަރުންއާ އެކު ކުޅެން އޮތް ފިލްމު ދޫކޮށްލީ މި ވަގުތު ޑައިރެކްޓަރު ރެމޯއާ އެކު މަސައްކަތް ކުރަން ބޭނުން ނުވެގެންނެވެ. ސަބަބަކީ އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި "ރޭސް 3" އަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، ފްލޮޕަކަށްވުމުގެ އިތުރަށް ކެޓްރީނާގެ އެންމެ ފަހުގެ ފިލްމު "ޒީރޯ" ވެސް ބޮޑު ފްލޮޕަކަށްވެފައިވާތީ އެވެ.
މީގެ އިތުރުން "ބާރަތު" ގެ ޝޫޓިން އާއި ރެމޯގެ ފިލްމުގެ ޝޫޓިން އެކުއެކީގައި ކުރިއަށް ދާނެތީ ދެ ފިލްމެއްގައި އެއް ފަހަރާ މަސައްކަތް ކުރަން ކެޓްރީނާ ބޭނުން ނުވީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާގެ އެންމެ ވަރުގަދަ ޑާންސް ފިލްމުގެ ގޮތުގައި ކެޓްރީނާ އާއި ވަރުންގެ ފިލްމު އިއުލާން ކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. ސިނަމާތަކަށް 3ޑީ ފޯމެޓްގައި ގެނެސް ދޭން ނިންމާފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ ނޮވެމްބަރު، 8، 2019 ގަ އެވެ.
މި ފިލްމުގެ ކުރިން ވެސް ރެމޯ ވަނީ އެނީބަޑީ ކޭން ޑާންސް (އޭބީސީޑީ) ގެ ނަމުގއި ދެ ފިލްމެއް ގެނެސް ދީފަ އެވެ. އެއީ އޭބީސީޑީ (2013) އާއި އޭބީސީޑީ 2 (2015) އެވެ. ވަރުންއަކީ "އޭބީސީޑީ 2" ގެ ބަތަލު ވެސް މެ އެވެ.