30 ޑިސެމްބަރ 2018 - 12:02

ރިޔާޒް (ޑިސެމްބަރު 29) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރަށް ފަހު ސައުދީ އަރަބިއާ އޮތީ މައްސަލަ ގަނޑެއްގެ ތެރޭގައި ނޫން ކަމަށް އާ ޚާރިޖީ ވަޒީރު އިބްރާހިމް އަލް އައްސާފް ވިދާޅުވެއްޖެ އެވެ.
ސައުދީ ސަރުކާރަށް ބުރާސްފަތި ދުވަހުގެ ރޭ ގެނައި ބަދަލުތަކުގެ ތެރޭގައި ކުރީގެ ފިނޭންސް މިނިސްޓަރު އަލް އައްސާފަށް ޚާރިޖީ ވަޒީރުކަން ދިނީ ކުރިން އެ މަގާމުގައި ހުންނެވި އާދިލް އަލް ޖުބައިރު ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށް ޑިމޯޓް ކުރުމަށް ފަހު އެވެ. ބެލެވޭ ގޮތުގައި އޭނާގެ މަގާމު ދަށްކުރީ ނޫސްވެރިޔާގެ މަރުގެ މައްސަލާގައި ސައުދީ އަށް އަމާޒުކުރި ތުހުމަތުތައް އެކަށީގެންވާ ގޮތެއްގައި އޭނާ ދިފާއުކޮށްފައި ނުވާތީ އެވެ.
އައްސާފް ވިދާޅުވީ ސައުދީ ސަރުކާރަށް ބަދަލުތަކެއް ގެނައީ ނޫސްވެރިޔާގެ މަރާ ގުޅިގެން ނޫން ކަމަށާއި އެއީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރަން ގެނައި ބަދަލުތަކެއް ކަމަށެވެ.
"ޖަމާލް ޚާޝުގްޖީގެ މައްސަލަ އަކީ ސައުދީން ވެސް ހިތާމަ ކުރާ ކަމެއް. އެކަމަކު އެކަމާ ގުޅިގެން ސައުދީ އޮތީ މައްސަލަގަނޑެއްގައެއް ނޫން. ސައުދީ މިހާރު ވަނީ ބަދަލުތަކެއްގެ ތެރޭގައި،" ރިޔާޒްގައި ހުންނަ ގެކޮޅުގައި އޭއެފްޕީ އަށް ދެއްވި އިންޓަވިއުގައި އަލް އައްސާފް ވިދާޅުވި އެވެ.
ޚާރިޖީ ސިޔާސަތުގައި އެންމެ ސަމާލުކަން ދެއްވާނީ ޚާޝުގްޖީގެ މަރާ ގުޅިގެން ސައުދީގެ ބޮލުގައި އެޅުނު ހުތުރު ނަމުން ސަލާމަތްވުމަށްތޯ ސުވާލު ކުރުމުން 69 އަހަރުގެ އައްސާފް ވިދާޅުވީ ސައުދީއާ އެހެން ގައުމުތަކާ ގުޅުން ރަނގަޅު ކުރުމުގެ މާ ބޮޑު މަސައްކަތެއް ކުރަން ނުޖެހޭ ކަމަށާއި ގިނަ ގައުމުތަކާއި ސައުދީއާ މިހާރު ވެސް ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.
ކުރީގެ ޚާރިޖީ ވަޒީރުގެ މަގާމު ދަށްކުރި މައްސަލާގައި އައްސާފް ވިދާޅުވީ އެއީ ޑިމޯޝަނެއް ނޫން ކަމަށާއި ސަރުކާރުގެ ހިންގުން ހަލުވި ކުރަން ގެނައި ބަދަލެއް ކަމަށެވެ.
އިގްތިސާދީ ދާއިރާގެ ތަޖްރިބާކާރަކު ޚާރިޖީ ވަޒީރު ކަމަށް ގެނައީ ޚާރިޖީ ސިޔާސަތުގައި އިގްތިސާދީ ގުޅުން ބަދަހި ކުރަން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އަލް އައްސާފަކީ އިންޓަނޭޝަނަލް ޑިޕްލޮމެސީގައި ތަޖްރިބާ މަދު ބޭފުޅެކެވެ. އޭނާ އަކީ ކޮރަޕްޝަނުގެ ތުހުމަގުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ވެސް މެ އެވެ. ނަމަވެސް ދެ މަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އަދި ފަހުން ވަނީ ސައުދީ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ބޯޑު މެންބަރު ކަމަށާއި ރަސްގެފާނުގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައިފަ އެވެ.