29 ޑިސެމްބަރ 2018 - 13:26

ގެސްޓް ހައުސްތަކުގެ ކަންބޮޑުވުންތައް ހުރި ވަރު އެނގިވަޑައިގެންފި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގެސްޓް ހައުސް ސިމްޕޯޒިއަމް ކުރިއަށްދާ ދަރުބާރުގޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، ގެސްޓްހައުސް ސިމްޕޯސިއަމްގައި 400އާ ގާތްކުރާ އަދަދެއްގެ ގެސްޓްހައުސް ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ހެނދުނުގެ ދަންފަޅި ނިމިފައިވާ އިރު ގެސްޓްހައުސްތަކުގެ ކަންބޮޑުވުންތައް ހުރިވަރު އެނގިވަޑައިގެންފި ކަމަށް އޭނާ ވިދާޅުވި އެވެ.
"މެންދުރުގެ ބައްދަލުވުމުގައި ވެސް ގެސްޓްހައުސްތަކުގެ ކަންބޮޑުވުންތައް އަޑުއެހުން އޮންނާނެ. މިސަރުކާރު ވެގެންދާނީ ރައްޔިތުންގެ އަޑު އަހައިގެން ކުރިއަށްދާ ސަރުކާރަކަށް. އަޅުގަނޑު ވަރަށް އުފާކުރަން މިހާ ޕީކް ޓައިމެއްގައި ގިނަ އަދަދެއްގެ ގެސްޓްހައުސްތަކުން ބައިވެރިވުމުން. މީގެން އެނގެނީ ރައްޔިތުންގެ އުންމީދުތައް ހުރި ހިސާބުތައް،" އޭނާ ވިދާޅުވި އެވެ.
މި ސިމްޕޯސިއަމް އިން ގެސްޓްހައުސް ދާއިރާއަށް ސަރުކާރުން ގެންނާނެ ބަދަލުތައް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާއާ ގުޅޭ ސްޓްރެޓެޖިކް މާސްޓަ ޕްލޭންގެ މަސައްކަތް ސަރުކާރުގެ 100 ދުވަސް ނިމުމުގެ ކުރިން ފަށާނެ ކަމަށާއި އެ މާސްޓަ ޕްލޭން އެކުލަވައިލާނީ، ޓޫރިޒަމް ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންގެ ބައިވެރިވުމާ އެކުގައި ކަމަށެވެ.
ގެސްޓްހައުސްތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމުގައި ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށާއި ޓެކްސްތަކާ ގުޅޭ ކަންކަމަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރަށްރަށުގެ ކުނީގެ މައްސަލަ އަށް ވެސް ހައްލުތަކެއް ބޭނުންވެފައިވާ މިންވަރު އެނގޭ ކަމަށް އަލީ ވިދާޅުވި އެވެ.
މެންދުރު ފަހުގެ ސެޝަންގައި ހުޅުމާލޭއާ ގުޅޭ ކޭސް ސްޓަޑީއެއް ހާމަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގެސްޓްހައުސް ސިމްޕޯސިއަމްގެ މައިގަނޑު ބައިތައް މިރޭ 8:30 ގައި ނިންމާލާނެ އެވެ. ނިންމާލުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ގެސްޓް ހައުސް ސިމްޕޯސިއަމެއް ބޭއްވުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރާއްޖޭގައި ޓޫރިސްޓުންނަށް ޚާއްސަ 12 ހޮޓަލާއި 508 ގެސްޓްހައުސްގެ ހިދުމަތް ދެ އެވެ. އޭގެ އިތުރުން 148 ސަފާރީ އާއި 308 ޓްރެވެލް އޭޖެންސީ އާއި 272 ޑައިވް ސްކޫލްގެ ހިދުމަތް ދަނީ ދެމުންނެވެ