31 ޑިސެމްބަރ 2018 - 07:27

ސުޕަހީރޯ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށާއި އެ ފިލްމުގައި މީގެ ކުރިން ނުކުޅޭ ކަހަލަ ވަރުގަދަ ސުޕަހީރޯއެއްގެ ރޯލް ކެޅޭނެ ކަމަށް ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.
ފިލްމުފެއާ މަޖައްލާގެ އަންނަ މަހުގެ އަދަދަށް ދިން އިންޓަވިއުއެއްގައި އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ބުނީ ސުޕަހީރޯ ފިލްމެއް ހަދަން ނިންމާފައި ވަނީ ބޮލީވުޑްގެ ވަރަށް ގާތް މީހަކާ ގުޅިގެން ކަމަށެވެ. އެކަމަކު އޭނާގެ ނަމެއް ދީޕިކާ ހާމައެއް ނުކުރެ އެވެ.
"އަހަރެމެން ދެ މީހުން މި ފިލްމާ ބެހޭ ގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކީ ދަތުރެއްގެ މަތީގައި ފްލައިޓްގެ ތެރޭގައި. އޭގެ ފަހުން އެކި ފަހަރު މަތިން ފިލްމު ހަދާނެ އައިޑިއާއަކާ ބެހޭ ގޮތުން މިހާތަނަށް ވާނީ މަޝްވަރާ ކުރެވިފައި،" އޭނާ ބުންޏެވެ. "އަހަރެމެން ބޭނުން ވަނީ މީގެ ކުރިން ހިންދީ ސިނަމާއިން ބަތަލާއަކު ފެނިގެން ގޮސްފައި ނުވާ ކަހަލަ ކެރެކްޓާއެއް ބެލުންތެރިންނަށް ގެނެސް ދޭން."
ނަމަވެސް ދީޕިކާ ސުޕަހީރޯއެއްގެ ރޯލް ކުޅޭނެ ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދި ނޭނގެ އެވެ.
"މީގެ ސްކްރިޕްޓްގެ މަސައްކަތް ވެސް އަދި އަހަރެމެން ނުފަށަން. އެކަމަކު މާ ލަސްތަކެއް ފިލްމު ގެނެސް ދޭން މަސައްކަތް ކުރާނަން،" މިދިޔަ އަހަރު ހޮލީވުޑް ފިލްމު "ޓްރިޕްލްސް އެކްސް: ރިޓާން އޮފް ޒެންޑް ކޭޖް" ވެސް ކުޅުނު ބަތަލާ ބުންޏެވެ.
މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ތާރީހީ ފިލްމު "ޕަދުމާވަތު" އަށް ފަހު ދީޕިކާ މިހާރު އަންނަނީ މެގްނާ ގުލްޒާރު ޑައިރެކްޓް ކުރާ ބައޮގްރަފިކަލް ޑްރާމާ "ޗަޕާކް" އަށް ތައްޔާރުވަމުންނެވެ. އަންނަ މާޗް މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި މިހާރުގެ ސޯޝަލް އެކްޓިވިސްޓް ލަކްޝްމީ އަގަރްވާލްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.