29 ޑިސެމްބަރ 2018 - 09:19

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ކޮރަޕްޝަނެއް ނެތް ކަމަށާއި ކޮރަޕްޝަނަކީ އެ އިދާރާއާ އެންމެ ދުރު ބަސް ކަމަށް ބުނެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފާޑުކިޔުންތަކަށް ރައްދުދެއްވައިފި އެވެ.

އެފްއޭއެމާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ދޭ މޯލްޑިވްސް ފުޓްބޯލް އެވޯޑް ހަފްލާގައި މިދިޔަ އަހަރު ވެސް ބައްސާމް ވަނީ އޭރު އަމާޒުވި ފާޑުކިޔުންތަކަށް ފުރަތަމަ ފަހަރަށް ރައްދުދެއްވައިފަ އެވެ. އޭރު ދެކެވުނު ވާހަކަތައް ހަނދާން އާ ކުރުމުގެ ގޮތުން ބައްސާމް ވަނީ ދެ ކަމެއް ހިއްސާކޮށްފަ އެވެ.
"އޭރު އެންމެ ބޮޑަށް ދެކެވުނީ އަޅުގަނޑުމެންގެ ގައުމީ ޓީމުތައް ކޮޅަށް ވަން 26 ގޯލެއްގެ ވާހަކަ. އަޅުގަނޑުމެން އެކަން ނެގީ ގައުމީ ޓީމު ހަރުދަނާކުރުމުގެ ގޮތުން. މިހާރު އަޅުގަނޑުމެންނަކީ ސަރަހައްދުގެ ޗެމްޕިއަނުން. އަދި އަންހެން ޓީމު މި ވަނީ ފުރަތަމަ ފަހަރަށް ވަނައެއް ހޯދައިދީފައި. އަދިވެސް ކުރަން ހުރި މަސައްކަތް ވަރަށް ގިނަ. އެކަމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ކްލަބްފަރު ރިސޯޓުގައި އިއްޔެ އޮތް އެވޯޑް ހަފްލާގައި ބައްސާމް ވިދާޅުވި އެވެ.
"ދެ ވަނަ ކަމަކަށް އަޅުގަނޑުމެންނާ ދިމާލަށް ވަރަށް ގިނަ ގާތަކެއް އުކަމުންދިޔަ. ޓުވާޑްސް ފިއުޗާގެ ޕްލޭނެއްގެ ދަށުން އަޅުގަނޑުމެން މިދަނީ ޒުވާނުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. އަދި އިންފްރާސްޓްރަކްޗާގެ ވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. މިދަނީ މުސްތަގުބަލު ބިނާކުރަމުން،"
ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު މައްސަލަ ބަލަން ކަމަށް ވިދާޅުވެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ކޮމިޓީ އުފެއްދެވުމުން އެފްއޭއެމުން އެކަމުގައި އޭއެފްސީން ދެކޭ ގޮތް ބެލި އެވެ. އެއާ އެކު އޭއެފްސީން ވަނީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ، މިނިސްޓަރުގެ އެ މަސައްކަތް ހުއްޓާލަން ނުސީދާކޮށް އިންޒާރު ވެސް ދީފަ އެވެ.
އެ މައްސަލައިގައި ފަހުން ކުޅިވަރާބެހޭ ވަޒީރު މަހުލޫފު ވިދާޅުވީ އެ މިނިސްޓްރީން ބަލަނީ ދައުލަތުން ދޭ ފައިސާ ހަރަދުކޮށްފައިހުރި ގޮތް ކަމަށެވެ. އެކަމަކަށް ރައްދުދީ އެފްއޭއެމުން ބުނީ އެފްއޭއެމްއަކީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ "އޭ" ގްރޭޑް ފެންވަރުގެ އޮޑިޓަރުން ލައްވައި ކޮންމެ އަހަރަކު އެއް ފަހަރު އޮޑިޓް ކުރަމުންދާ މުއައްސަސާއެއް ކަމަށާއި ކޮންމެ އަހަރަކު ވެސް އަހަރީ އާއްމު ޖަލްސާގައި އޮޑިޓް ރިޕޯޓް އަދި އަހަރީ ބަޖެޓް ހުށަހެޅި ފާސްކުރުމަށް ފަހު މިނިސްޓްރީ އަށް ފޮނުވާ ކަމަށެވެ.
މީގެ އިތުރުން ފީފާ އާއި އޭއެފްސީން އިންޓަނޭޝަނަލް އޮޑިޓަރުން ލައްވައި ކޮންމެ އަހަރަކު އެއް ފަހަރު އޮޑިޓްކޮށް އަދި ސަޕްރައިސް އޮޑިޓް ވިޒިޓް ޓީމުތަކެއް އައިސް ވެސް ކޮންމެ އަހަރަކު އޮޑިޓްކުރާ ކަމަށް ބުނެފައިވެ އެވެ. ސަރުކާރު ކުންފުނިތަކުން ކްލަބްތަކަށް ސްޕޮންސާގެ ގޮތުގައި ދޫކުރާ ފައިސާ، އެ ފައިސާ ހަރަދުވިގޮތުގެ ރިޕޯޓް ކުންފުނިތަކަށް ހުށަހަޅާކަން ވެސް އެފްއޭއެމުން ބުނެފައިވެ އެވެ.
"އެފްއޭއެމް އަކީ ކޮރަޕްޝަނުގެ ހާއްޔެކޭ ބުނަމުން އެބަދޭ. އެފްއޭއެމްގައި ކޮރަޕްޝަނެއް ނެތް. އަޅުގަނޑުމެންނަކީ އަބަދުވެސް އެކި ލެވެލްގައި އޮޑިޓް ކުރެވޭ ބައެއް. ކުޅިވަރު މިނިސްޓްރީން ދޭ 1.2 މިލިއަން ރުފިޔާ އެކި ކުއާޓަތުތަކަށް ބަހާލައިގެން ދެނީ ކުރީ ކުއާޓަރުގެ ރިޕޯޓް ހުށަހެޅުމުން. އެހެންވީމަ އެފްއޭއެމް އަކީ ފައިސާ ހަރަދުކުރެވުނުގޮތް ވަރަށް ރަނގަޅަށް ބެލޭ ތަނެއް. އެހެންވީމަ ޔަގީންކޮށް ބުނަން އެނގޭ ކޮރަޕްޝަނަކީ އެފްއޭއެމާ އެންމެ ދުރު ބަސް،" ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވެސް ހާޒިރުވެވަޑައިގެން ހުންނެވި އެ ރަސްމިއްޔާތުގައި ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން އެފްއޭއެމުން މުބާރާތްތަކަަށް ރާއްޖޭން ބޭރަށްދާއިރު ނަގުދު ފައިސާގެ ގޮތުގައި 30 ނޫނީ 40 ހާސް ޑޮލަރު ގެންދާކަމަށާއި މިހާރު އެ ކަންތައްތައް ބަދަލުވެފައިވާ ކަމަށެވެ. އަދި ކުރިން އެ ގޮތަށް ގެންދިޔަ ފައިސާއިން ބާކީވާ ފައިސާ އަނބުރާ އެފްއޭއެމްގެ އެކައުންޓްތަކަށް ވަދެފައިހުރީ ކިހާ ވަރަކަށްކަން އޮޑިޓްތަކުން ފެންނަން ހުރި ކަމަށެވެ.
އެފްއޭއެމްގެ މަގާމުތަކަށް އަންނަން ވަރަށް ގިނަ ބަޔަކު ފެންބޮވައިގަނެފައި އެބަތިބި ކަމަށާއި އެ މީހުންނަށް ވެސް މެސެޖެއް އެބައޮތް ކަމަށެވެ.
"އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާލާނީ އެ ބޭފުޅުން އަމިއްލަ އަށް ކުރި މަސައްކަތްތަކާ މެދު ވިސްނަވާލާށޭ. ތިބޭފުޅުންނަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށްތޯއޭ. މި މަގާމުތަކަށް އަންނަން ބޭނުންވާ މީހުންނަށް ދެ އަހަރު އެބައޮތް. ދެ އަހަރު ތެރޭގައި އިންތިހާބެއް އޮންނާނެ. ތިބޭފުޅުން ވެސް ވަރުގަދަ ޕްރޮޕޯސަލަކާ އެކު ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެ ވޯޓުލާ މެމްބަރުންނަށް ވިއްކައިގެން މި މަގާމުތަކަށް އަންނަން ކެތްތެރިކަމާ އެކު ތިބުމަށް އެދެން،" ބައްސާމް ދިން މެސެޖުގައި ވިދާޅުވި އެވެ.
އެފްއޭއެމް މިހާރު ދަނީ ފެޑެރޭޝަނަކަށް ވުމުގެ މަސައްކަތުގައި ކުރިއަށް ކަމަށާއި ރާއްޖޭގެ ދެ ސަރަހައްދެއްގައި ފުޓްބޯޅަ އެސޯސިއޭޝަނެއް ހެދި ވޯޓުލުމުގެ ބާރު ދެވޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި އަންނަ އަހަރު ފެބްރުއަރީ މަހު އަށް ސަރަހައްދެއްގައި ޑިވެލޮޕްމަންޓް ސެންޓަރުތަކެއް އެޅޭއިރު، 18 ރަށެއްގައި ވިނަ ދަނޑެއް އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވި އެވެ.