20 އޯގަސްޓް 2016 - 14:35

މެނިލާ (އޮގަސްޓް 20) - ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުގެ ގިނަ އަދަދެއްގެ ފައިސާ ހެކަރުން ވަގަށް ޖަމާކުރި ފިލިޕީންސްގެ އަމިއްލަ ބޭންކެއް 21 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
ފިލިޕީންސްގެ މަރުކަޒީ ބޭންކުން ރެކޯޑް އަދަދެއްގެ މި ބޮޑު ޖޫރިމަނާކުރީ އެ ގައުމުގެ ރިޒާލް ކޮމާޝަލް ބޭންކިން ކޯޕަރޭޝަން (އާރުސީބީސީ) ގެ މައްޗަށެވެ.
އެމެރިކާގެ ފެޑެރަލް ރިޒާވް ބޭންކުގައި ހުޅުވާފައިވާ ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުގެ އެކައުންޓުން 81 މިލިއަން ޑޮލަރު ހެކަރުން ވަގަށް ޖަމާކޮށްފައި ވަނީ އާރުސީބީސީ އަށެވެ. އަދި އެ ފައިސާ އެކި އެކި ކެސިނޯތަކުގެ އެކައުންޓަށް ފޮނުވީ މި ބޭންކުންނެވެ.
ފިލިޕީންސްގެ މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ އާރުސީބީސީ އެއް ބިލިއަން ޕެސޯ (21 މިލިއަން ޑޮލަރު) އިން ޖޫރިމަނާކުރީ މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކުރުމަށް ފަހު އެ ބޭންކުގެ ރޯލަށް ބެލުމަށް ފަހު ކަމަށެވެ. މި ޖޫރިމަނާ އަށް ބަންގްލަދޭޝް އިން މަރުހަބާ ކިޔާފައިވެ އެވެ.
އާރުސީބީސީ ޖޫރިމަނާކޮށްފައި ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ބޭންކަށް ލިބުނު ފައިދާގެ 38 ޕަސެންޓާ އެއްވަރުގެ އަދަދަކުންނެވެ. އަދި އެ ބޭންކުން ބުނެފައި ވަނީ ޖޫރިމަނާ ފައިސާ އެއް އަހަރު ދުވަހުތެރޭ ދައްކާނެ ކަމަށެވެ.
ބަންގްލަދޭޝްގެ ބޭންކުން ވަގަށް ޖަމާކުރި ފައިސާގެ ތެރޭން ހޯދިފައި ވަނީ ވަރަށް ކުޑަ މިންވަރެކެވެ. ބަންގްލަދޭޝް އިން ބުނެފައި ވަނީ ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ފިލިޕީންސްއާ ގުޅިގެން އަދިވެސް ކުރަމުންދާ ކަމަށެވެ.