28 ޑިސެމްބަރ 2018 - 10:34

މެންޗެސްޓާ (ޑިސެމްބަރު 28) - މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް މި ވަގުތު ހުރި އޮލެ ގުނަ ސޯލްޝެއާ އަށް އެ ޓީމުގެ ދާއިމީ ކޯޗަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކްލަބްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ވިދާޅުވެއްޖެ އެވެ.
ހޯސޭ މޮރީނިއޯ ދުރުކޮށް މި ސީޒަނުގެ ނިޔަަލަށް ސޯލްޝެއާ ވަގުތީ ކޯޗަކަށް ޔުނައިޓެޑުން ހަމަޖެއްސި ފަހުން އޭނާ ވަނީ އެ ޓީމު ވަނީ ބަދަލުކޮށްލައިފަ އެވެ. ޔުނައިޓެޑް ކުޅުނު ދެ މެޗުން ކާޑިފް ސިޓީ އާއި ހަޑްސްފީލްޑް ޓައުން އަތުން ވަނީ މޮޅުވެފަ އެވެ. ސޯލްޝެއާ ވަނީ ދާއިމީ ކޯޗަކަށް ވުމުގެ އުއްމީދުގައި ހުރި ކަމަށް ބުނެފަ އެވެ.
ޓޯކްސްޕޯޓްސް އަށް ވުޑްވާޑް ދިން އިންޓަވިއުއެއްގައި ބުނީ އާ ކޯޗެއްގެ މަސައްކަތް ޔުނައިޓެޑުން ކުރާއިރު ސޯލްޝެއާ އަކީ ވެސް އޭގެ ތެރޭގައި ހިމެނޭ ކެނޑިޑޭޓެއް ކަމަށެވެ.
"އެންމެ ފުރަތަމަ ކަމަކަށް ސޯލްޝެއާ އަކީ ވެސް ދާއިމީ ކޯޗަކަށް ވުމުގެ ކެނޑިޑޭޓެއް. އެއީ އޭނާ އަށް ވެސް ރަނގަޅު މަސައްކަތެއް ކުރެވިއްޖިއްޔާ ކްލަބުން އެބަޖެހޭ އެކަން ބަލައިގަންނަން. ޓާގެޓްތަކެއް ސޯލްޝެއާ އަށް ވެސް އެބައޮތް. ސޯލްޝެއާ އަކީ މި ކްލަބްގެ މީހެއް. އެކަން އެއްވެސް އިރަކު ހަނދާން ނައްތާލައިގެން ނުވާނެ،" 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފަހު ވަގުތު ބަޔާން މިއުނިކް އަތުން 2-1 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ލަނޑު ޖެހި ސޯލްޝެއާއާ ބެހޭގޮތުން ވުޑްވާޑް ވިދާޅުވި އެވެ.
ޔުނައިޓެޑުން ރަސްމީ ސިފައެއްގައި މީޑިއާގައި ހާމަނުކުރި ނަމަވެސް ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އަންނަނީ ސޯލްޝެއާ އަށް އެ ޓީމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ސޯލްޝެއާއާ އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން ދާއިމީ ކުރުމަށް ފާގަސަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ވުޑްވާޑް ވިދާޅުވީ ޔުނައިޓެޑުން އަމާޒުހިފާފައިވަނީ ކްލަބަށް ވަގުތީ ހައްލެއްގެ އިތުރުން މުސްތަގުބަލު ވެސް ހޯދައިދެވޭނެ ފެންވަރުގެ ކޯޗެއް ހޯދާށެވެ.
"ވާދަވެރި އެހެން ކްލަބްތަކާ އަރާހަމަކުރެވޭވަރުގެ ކޯޗެއް އަހަރެމެން ބޭނުން. އެ ކޯޗަކަށް ވަގުތީ ކާމިޔާބީ ވެސް ހޯދައިދެވެން ޖެހޭ އަދި މުސްތަގުބަލަށް ވެސް ވިސްނަން ޖެހޭ. މި ހުރިހާ ކަމެއް ބަލާފައި އާ ކޯޗެއް ގެންނަނާނީ. ޔަގީނުން ވެސް އެއް ކަމެއް އަހަރެމެން ނުކުރާނަން. ސޯލްޝެއާގެ މަސައްކަތަށް ގެއްލުން ވާ ގޮތަށް އަހަރެމެން އާ ކޯޗެއްގެ ކަންތައް ކުރިއަށް ނުގެންދާނަން،" ވުޑްވާޑް ވިދާޅުވި އެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޔުނައިޓެޑުން ގެންނަން މަސައްކަތްކުރަނީ ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެވެ. ޕޮޗެޓީނޯ މި ވަގުތު ޓޮޓެންހަމްގެ ކޯޗަކަށް ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ހުރިއިރު، އޭނާ ގެންދާނަމަ ޔުނައިޓެޑުން ބަދަލެއްގެ ގޮތުގައި 34 މިލިއަން ޕައުންޑް ދައްކަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.