27 ޑިސެމްބަރ 2018 - 19:32

މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން ރައްޔިތުންގެ މަޖިލީހަށް ވަނުމުގެ ފުރުސަތު ގެއްލުނު 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު ޕީޕީއެމްގައި ތިބުމަށް ފަހު އޭރުގެ އިދިކޮޅު ކޯލިޝަނާ ގުޅުނު 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެ މެމްބަރުންނަށް މަޖިލީހަށް ވަނުމުގެ ފުރުސަތު އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން އޮތީ ގެއްލިފަ އެވެ. އެ މެމްބަރުންނަށް މަޖިލީހަށް ވަނުމުގެ ފުރުސަތު އަލުން ލިބުނީ ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވެވަޑައިގަތުމާ އެކު، މިދިޔަ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކުންނެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 12 މެމްބަރުން ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އަންނަ މަޖިލިސް އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ވެވަޑައިގެންފައިވާ ވައުދު މަތީގައި އެމަނިކުފާނު ދެމިހުންނަވާނެ ކަމަށެވެ.
"މާތް ﷲ އެ ބޭފުޅުންނަށް ނަސްރު ދެއްވާށި،" މައުމޫން ލިއުއްވި އެވެ.
އެ 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ހުރިހާ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ކުރިން އޮތީ އަޑުއަރައިފަ އެވެ. އެކަމަކު އޭރު ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެއާ ހިލާފަށް އެމްޑީޕީން މިހާރު ވަނީ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައި، ޕްރައިމަރީ އިއުލާންކޮށްފަ އެވެ. އަދި އޭގެ ފަހުން ޖުމްހޫރީ ޕާޓީން ވެސް ވަނީ ޕްރައިމަރީ އިއުލާންކޮށްފަ އެވެ.
އެކަމަކު އިންތިޚާބުގައި ވާދަކުރުމުގައި ގޮނޑިތައް ބަހާނެ ގޮތާ މެދު ހަތަރު ލީޑަރުންނަށް އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
އާންމު އިންތިހާބުގައި ކޯލިޝަނުން ވާދަކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލީޑަރުންނާ އެކު ދެ ބުރަކަށް މަޝްވަރާ ކުރައްވައިފަ އެވެ. އެކަމަކު އަދިވެސް އެއްބަސްވުމަކާ ހަމައަށް ދެވޭ ވަރެއް ނުވެ އެވެ.