އިމްރާނުގެ މެޗަށް ޝުމައިކަލް ރާއްޖެ އަތުވެއްޖެ
އިމްރާނުގެ މެޗަށް ޝުމައިކަލް ރާއްޖެ އަތުވެއްޖެ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން އާދީއްތަ ދުވަހުގެރޭ ކުޅޭ ހާއްސަ މެޗުގައި ބައިވެރިވުމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކުޅަދާނަ ގޯލްކީޕަރު ޑެންމާކުގެ ޕީޓާ ޝުމައިކަލް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އިމްރާނުގެ މެޗަށް ޝުމައިކަލް ރާއްޖެ އަތުވެއްޖެ
އިމްރާނުގެ މެޗަށް ޝުމައިކަލް ރާއްޖެ އަތުވެއްޖެ

އޭނާގެ އިތުރުން މި މެޗުގައި ކުޅެން ރެއާލް މެޑްރިޑުގެ ކުރީގެ ސްޕެއިން ޑިފެންޑަރު މިޝޭލް ސަލްގާޑޯ ވެސް ވަނީ އަންގާރަ ދުވަހު ރާއްޖެ އައިސްފަ އެވެ. އެކަމަކު މި ދެ ކުޅުންތެރިން ވެސް ކުޅޭނީ އިމްރާނުގެ ޓީމާ ވާދަކުރާ އެފްއޭއެމްގެ ޓީމަށެވެ.

އިމްރާނުގެ މެޗަށް ޝުމައިކަލް ރާއްޖެ އަތުވެއްޖެ
އިމްރާނުގެ މެޗަށް ޝުމައިކަލް ރާއްޖެ އަތުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން ޝުމައިކަލަށް މިއަދު މަރުހަބާ ދެންނެވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މީގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒާއި އިމްރާނުގެ އިތުރުން، އެފްއޭއެމާ ގުޅިގެން މި މެޗު އިންތިޒާމްކުރާ މޯލްޑިވްސްފުޓްބޯލްގެ އެޑިޓަރު ޝިމާޒް އަލީ ވެސް ބައިވެރިވި އެވެ.

ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑަށް ރާއްޖޭގައި އޮންނަ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ގްރޫޕުން ވެސް ވަނީ މިއަދު މަރުހަބާ ކިޔައިފަ އެވެ. އެގޮތުން އެ ގްރޫޕުގެ ދެ މެމްބަރަކު ވަނީ ޝުމައިކަލަށް ހާއްސަ ހަނދާނީ ފިލައެއް ދީފަ އެވެ.

ޝުމައިކަލް އަކީ، އަަދަދު ހަމަކުރުމުގެ ގޮތުން 1992 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޑެންމާކަށް ދިން ފުރުސަތުގައި މުބާރާތުގައި ވާދަކޮށް، ދުނިޔެ ހައިރާންކޮށްލައި އެ ގައުމުން ތަށި ހޯދިއިރު ވިދާލި ކުޅުންތެރިއެކެވެ.

އޭގެ ކުރީ އަހަރު ޔުނައިޓެޑާ ގުޅުނު ޝުމައިކަލް 1999 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅެ ޕްރިމިއާ ލީގު ފަސް ފަހަރު، އެފްއޭ ކަޕް ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރި އެވެ. މީގެ ތެރެއިން ގިނަ ބަޔެއްގެ ހަނދާނުގައި ހުންނާނީ 1999 ވަނަ އަހަރު އެ ކްލަބުން ތިން ތަށި ހޯދިއިރު، އޭގެ ތެރެއިން ޗެމްޕިއަންސް ލީގު، ފައިނަލުގައި އިތުރު ވަގުތުގެ ތެރޭ ފަހަތުން އަރައި ބަޔާން މިއުނިކް ބަލިކޮށް ކާމިޔާބުކުރި ކުރުމެވެ.

ޔުނައިޓެޑަށް 389 މެޗު ކުޅެދިނުމަށް ފަހު އޭނާ ވަނީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާއި ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އަދި މެންޗެސްޓާ ސިޓީ އަށް ވެސް ކުޅެފަ އެވެ. އެކަމަކު އޭރު ސިޓީ އަކީ ލީގުގެ އާދައިގެ ޓީމެކެވެ. އުމުރުން 55 އަހަރުގެ ޝުމައިކަލް ކުޅުން ހުއްޓާލީ 2003 ގަ އެވެ.

ޔުނައިޓެޑުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމާ ހަވާލުވާން ޝައުގުވެރިކާން ދާދި ފަހުން ހާމަކުރި ޝުމައިކަލް ރާއްޖޭގައި ކުޅޭ މެޗުގައި ސަލްގާޑޯގެ އިތުރުން ރާއްޖޭގެ ކުރީގެ ތަރިންނާއި މިހާރުގެ ތަރިން އޭނާގެ ޓީމުގައި ހިމެނޭނެ އެވެ. އޭގެ ތެރޭގައި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ވިލްދާން ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ. މިހާރުގެ ތަރިންގެ ތެރެއިން ގޯލްކީޕަރު މުހައްމަދު ފައިސަލާއި އަކްރަމް އަބްދުލްގަނީ އާއި އަލީ ފާސިރު (ސެންޓޭ) އަދި ނާއިޒް ހަސަން (ދާދު) ފަދަ ކުޅުންތެރިން ވެސް އެ ޓީމުގައި ހިމެނެ އެވެ. ކޯޗަކީ މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބަށް ކާމިޔާބުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

އިމްރާނުގެ ޓީމުގައި ގިނައީ އޭނާއާ އެކު 2000 ވަނަ އަހަރުން ފެށިގެން 2008 އަށް ގައުމީ ޓީމަށް އެކު ދުވަސްވަރު ކުޅުންތެރިންނެވެ. އަލީ އަޝްފާގް (ދަގަނޑޭ) ގެ އިތުރުން ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ އަލީ އުމަރާއި އަލީ ޝިހާމާއި އައްސަދު އަބްދުލްގަނީ އާއި އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި ޝާހު އިސްމާއިލް (ސާޔާ) އަދި ތޮއްޑޫ މުހައްމަދު ނިޒާމް ފަދަ ކުޅުންތެރިން ހިމެނެ އެވެ. ކޯޗުކޮށްދޭނީ ގައުމީ ޓީމާއި ނިއު ރޭޑިއަންޓުގެ ކުރީގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ.

މި މެޗުގެ ޓިކެޓް މިއަދު ވަނީ ވިއްކަން ފަށައިފަ އެވެ. ކުރީގެ ސިޑިބަރިން 50ރ. އަށް ޓިކެޓެއް ވިއްކާއިރު ގޮނޑިބަރިން ވިއްކާނީ 100ރ. އަށެވެ. ޓިކެޓް ފައިސާ އިން ބަޔެއް ހަދިޔާކުރަން ހަމަޖައްސާފައިވަނީ އިމްރާން އިހުތިޔާރުކުރި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ.

މިއީ މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މި އަހަރުގެ ހަފުލާގެ ގުޅުވައިގެން ވެސް ކުޅޭ މެޗެކެވެ، އެ އެވޯޑްސް ހަފުލާ އޮންނަނީ ކްލަބް ފަރު ރިޒޯޓުގައި މާދަމާ ހަވީރެވެ.

އިމްރާން 2016 ވަނަ އަހަރު ރަސްމީކޮށް ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އޭނާ އައީ ކްލަބް ފުޓްބޯޅަ ކުޅެމުންނެވެ. އޭނާ ދާދި ފަހުން ވެސް ބުނީ އަންނަ އަހަރު ވެސް ކުޅޭނެ ކަމަށާއި ފުޓްބޯޅަ ކެރިއަރު ހުއްޓާލާނެ ވަކި ދުވަހެއް އަދި ނުނިންމާ ކަމަށެވެ.